ގދ. ނަޑެއްލާގައި ކޮވިޑް-19 ފެތުރި މިހާރު އެރަށް މޮނިޓަރިންގައި އޮތް އިރުވެސް ރަށުގައި ބަލިމީހުން އުފުލޭނެ ހާލަތުގައި އެމްބިއުލާންސެއް ނެތުމުން އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އެ ރަށުން ވާހަކަދެއްކެވި މީހަކު "ސަން" އަށް ބުނީ މިހާރު އެ ރަށުގައި އެކަށީގެންވާ ގޮތެއްގައި އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްނުދެވޭތާ ދެ އަހަރު ދުވަސް ވެފައިވާކަމަށެވެ.

އެގޮތުން 2019 ވަނަ އަހަރު ރަށުގައި އެމްބިއުލާންސެއް އޮތް ނަމަވެސް އެ އެމްބިއުލާންސް އެކްސިޑެންޓުވެ ހަލާކުވެފައިވާކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އަދިވެސް މަރާމާތެއް ނުކުރޭ. ދެން ދެ އަހަރު މިވީ އާ އެމްބިއުލާންސެއް ނުލިބި .މިހާރު މިރަށް މިއޮތީ މޮނިޓަރިންގައި. މިހާރު މި ބޭނުންކުރަނީ ރަށު ޕިކަޕެއް," އޭނާ ބުންޏެވެ.

އޭނާ އިތުރަށް ވިދާޅުވީ އޭގެފަހުން އެ ހާލަތުގައި ރަށުގެ އެމްބިއުލާންސް ހިދުމަތުގެ ހާލަތު އޮއްވާ އެ ރަށަށް ދާއިރާގެ މެމްބަރާއި ހެލްތު މިނިސްޓްރީގެ މަސައްކަތުން އެމްބިއުލާންސެއް ގެނެވުނުކަމަށެވެ. ނަމަވެސް އެފަހަރުވެސް ރަށަށް ގެނައީ ބޭނުންކޮށް ބާވެފައިވާ އެމްބިއުލާންސެއް ކަމަށެވެ.

"އެމްބިއުލާންސް ނެތްކަން ސޯޝަލް މީޑިއާގައި އާންމުވުމުން [ތިނަދޫ އުތުރު ދާއިރާގެ] މެމްބަރު މުޣުނީ މި ރަށަށް އެހީގެ ތަކެތި ގެނެސްދެއްވި. ދެން ރަށުގެ ހާލަތު ކިޔާ އެމްބިއުލާންސް އޮތް ހާލަތު ދެއްކިން. މުޣުނީ ވިދާޅުވީ ސަރުކާރުގެ ތެރެއިން ކޮށްދެވެން ހުރި ކޮންމެ މަސައްކަތެއްވެސް ކޮށްދޭނަމޭ," އެ ރަށުން ވާހަކަދެއްކި ބޭފުޅާ ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުން ދިން އެމްބިއުލާންސްއަކީ ބާވެފައިވާ އެމްބިއުލާންސެއްކަމަށާއި އެމްބިއުލާންސެއްގެ ބަދަލުގައި އެއީ "ވޭން" އެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މި އެމްބިއުލާންސް ވެސް ވަރަށް ފަހުން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ މިވަގުތު ރަށުގައި އެމްބިއުލާންސް ގެ ހިދުމަތް މެދުކެނިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު މިވަގުތު ރަށް މޮނިޓަރިންގައި އޮތް އިރު ސާމްޕަލް ނެގުމުގެ ކަންކަން ވެސް އަދި ހޮސްޕިޓަލަށް މީހުން ގެނައުމުގެ ކަންކަންވެސް ކުރެވެމުން އަންނަނީ ރަށު ޕިކަޕުގައި ކަމަށް ވިދާޅުވިއެވެ.

700 އަށްވުރެ ގިނަ މީހުންގެ އާބާދީ އެއް އޮތް ނަޑެއްލާގައި ކޮވިޑް-19 ފެތުރި މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ރަށް ވަނީ މޮނިޓަރިން އަށް ލާފައެވެ. އަދި މިހާރު އެރަށުން 192 މީހުން ޕޮޒިޓިވް ވެފައިވާއިރު 186 ކޭސް އެކްޓިވް ކޭސް އެރަށުގައި މިވަގުތު އެބަ ތިއްބެވެ.