ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މިނިސްޓަރު އިމްރާން ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ އިއްޔެއެވެ.

މިނިސްޓަރަށް ބަލި ޖެހުނީ ކިހިނެތްކަމެއް އަދި ޔަގީންވެފައި ނުވާއިރު، މިނިސްޓަރު މިވަގުތު ހުންނެވީ ކަރަންޓީނުގައިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިނިސްޓަރު ޕޮޒިޓިވްވުމާއެކު މިނިސްޓްރީގައި މަސައްކަތްކުރާ ބައެއް ސްޓާފުން ކަރަންޓީނުވުމަށް މިހާރު ވަނީ އަންގާފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މިނިސްޓަރު އިމްރާން ވަނީ މީގެ ދިހަ ދުވަސް ކުރިން ހައްޖު ދުވަހު މ. އަތޮޅު ކޮޅުފުއްޓަށް ވަޑައިގެންފައެވެ.

ކޮޅުފުށި މިވަގުތު އޮތީ މޮނިޓަރިން ހާލަތުގައެވެ. އެރަށުން ފުރަތަމަ ކޭސް ފެނުނީ އިއްޔެއެވެ.

ކޮޅުފުށި ކައުންސިލް މެމްބަރަކު "ސަން" އަށް ވިދާޅުވީ އެރަށަށް މިނިސްޓަރު ވަޑައިގަތުމަށްފަހު ރަށު ތެރޭގައި އުޅުއްވިކަމަށެވެ.

އެހެންނަމަވެސް މިނިސްޓަރު ވަޑައިގަތުމުގެކުރިންވެސް ރަށުގައި ކޮވިޑް އުޅޭކަމަށް ބެލެވޭކަމަށް އެ މެމްބަރު ކިޔައިދިނެވެ.

މިނިސްޓަރު އިމްރާންއަކީ ކޮޅުފުއްޓަށް ނިސްބަތްވާ ބޭފުޅެކެވެ.