20 Feb 2012, 12:22
މާރާމާރީ ހިންގަން ބޭނުން ކުރާ އާލާތްތަކެއް ގެންގުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު ކޯޓު އަމުރުގެ ދަށުން ދޫކޮށްލައި އެކެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ފުލުހުން ބުނެފައި ވަނީ އެ މީހުންނަކީ ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭ މާލޭގައި މާރާމާރީ ހިންގަން އާލާތްތަކެއް ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ ބައެއް ކަމަށެވެ. އަދި ބުނީ ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ދެމީހަކު ކޯޓު އަމުރުގެ ދަށުން އިއްޔެ ދޫކޮށްލިއިރު އަނެއް މީހާގެ ބަންދަށް ކޯޓުން ދެ ދުވަސް ޖަހައިދިން ކަމަށެވެ.
ދެ މީހުން ކޯޓުން ދޫކޮށްލީ އެ ދެމީހުންގެ ކުށުގެ ރިކޯޑެއް ނެތުމާއި މާރާމާރީ ހިންގުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް އެމީހުންގެ އަތުން ފެނިފައިނުވާތީ ކަމަށް ފުލުހުން ބުންޏެވެ. އަދި އަނެއް މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނީ އެމީހާއަކީ ކުށުގެ ރިކޯޑު އޮތް މީހަކަށް ވެފައި މާރާމާރީ ހިންގުމަށް ބޭނުންކުރާ ޒާތުގެ އެއްޗެހި އެމީހާ އަތުން ފެނިފައިވާތީ އެވެ.
މާލޭގައި މިދިޔަ ދެ ތިންރޭ ހަތަރު ސަރަހައްދެއްގައި ހިންގި އެކި އެކި މާރާމާރީތަކުގެ ތެރެއިން ފައިނޭންސް މިނިސްޓްރީ ކައިރިން ޒުވާނެއްގެ ގަޔަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމުކޮށްލި އެވެ. އެ ޒަހަމްތަކަށް ފަރުވާ ދެނިކޮށް އޭނާ ވަނީ މަރުވެފަ އެވެ.
އޭގެ އިތުރުން މާލޭ ހިޔާ ސަރަހައްދުން ސައިކަލެއްގެ ދިޔަ ބަޔަކު ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަޚަމްކޮށްލާފައިވާއިރު މާލޭ ދަނާލު ކައިރިން 43 އަހަރުގެ ފިރިހެނަކަށް ހަމަލާދީ ޒަހަމުކޮށްލި އެވެ. އަދި 17 އަހަރުގެ ކުއްޖަކަށް ވެސް ބަޔަކު ހަމަލާދީފައި ވެއެވެ.
މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާއިރު ފުލުހުން ބުނެފައި ވަނީ ގުރޫޕުތަކުގެ ގޮތުގައި ފެންނަ ބައެއް ފަރާތްތަކުން އެފަދަ ހަރަކާތްތަކެއް ހިންގާކަން ފާހަގަކުރެވޭ ކަމަށެވެ. މާލޭގައި މާރާމާރީތައް ހިންގަން ފަށާފައި ވަނީ، އެކަން ކޮންޓްރޯލްވެފައި އޮތުމަށް ފަހު އެވެ.