މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ސައިކަލް ފައިނޭންސް ކުރަން ނުވަތަ ގަނެދޭން ފަށައިފި އެވެ.
އެމްއައިބީން އަލަށް ފަށާފައިވާ ސައިކަލް ފައިނޭންސް ކުރަނީ "އަލް އިޖާރާ" ކޮންސެޕްޓްގެ ދަށުންނެވެ. އެ ކޮންސެޕްޓްގެ ދަށުން ސައިކަލު ވިއްކާ ފަރާތުގެ އަތުން ބޭންކަށް ސައިކަލުގަތުމަށް ފަހު ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ސައިކަލުގެ އަގު ދައްކާ ހަލާސްކުރާ ގޮތަށް ބޭންކުން ކަސްޓަމަރަށް ސައިކަލް ކުއްޔަށް ދޫކުރާނެ އެވެ.

އެމްއައިބީން ބުނީ އުމުރުން 22 އަހަރާއި 60 އަހަރާދެމެދުގެ ކޮންމެ މީހަކަށް ވެސް އެ ހިދުމަތް ލިބިގަތުމެގެ ފުރުސަތު އެބައޮތް ކަމަށާއި ނަމަވެސް ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި މަދުވެގެން އެއްއަހަރުވަންދެން ވަޒީފާގައި އުޅޭ މީހަކު ކަމުގައި އެމީހާ ވާންޖެހޭނެ ކަމަށެވެ. އަދި ސައިކަލަށް ފައިނޭންސްކުރުމުގައި ކަސްޓަމަރަކަށް ލިބޭ އާމްދަނީއަށް ބަލާނެ ކަމަށްވެސް ރާއްޖޭގެ ފުރަތަމަ އިސްލާމިކް ބޭންކުން ބުންޏެވެ.

ސައިކަލުގެ ޑައުން ޕޭމަންޓްގެ ގޮތުގައި މަދުވެގެން 10 ޕަސެންޓް ދައްކަން ޖެހެނީ ކަސްޓަމަރެވެ. އެމްއައިބީން ދޭނީ ސައިކަލުގެ އަގުގެ 90 ޕަސެންޓެވެ. އަދި އެއަށްފަހު ބޭންކަށް ސައިކަލުގެ ޕޭމަންޓް އެއްކޮށް ދައްކަން ތިން އަހަރު ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް އެމްއައިބީން ބުނެއެވެ.

އެމްއައިބީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސައިކަލު ފިނޭންސް ކުރުމުގެ ހިދުމަތަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެ ހިދުމަތް ރަސްމީކޮށް އިއްޔެ ފެށިފަހުން ގިނަ އަދަދެއްގެ ކަސްޓަމަރުން އެ ހިދުމަތަށް އެދޭ ފޯމް ގެންގޮސްފައިވާ ކަމަށެވެ.