ރާއްޖޭގެ އެންމެ ފުރަތަމަ ޗައިލްޑް ނިއުޓްރިޝަން ކްލިނިކް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި ކްލިނިކާއެކު އެ ހޮސްޕިޓަލުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށެވެ. ހާއްސަކޮށް ދުޅަހެޔޮ ކެއިން ބުއިމުގެ އާދަތަކަށް އަހުލުވެރިކޮށް އެކަމަށް ހާއްސަ ޑޮކްޓަރުންގެ ލަފާ ލިބޭނެ މަގެއް ފަހިކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެގޮތުން މި ކްލިނިކުގައި ގަވާއިދުން ސްކްރީންކުރުމާއި ކައުންސިލިންގެ ހިދުމަތުގެ އިތުރުން ކުއްޖާގެ އުމުރާ އެކަށީގެންވާ ގޮތަށް ފަރުވާ ހޯދުމުގެ ފުރުސަތު އޮންނާނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ހެލްތު މިނިސްޓްރީއާއި ޔުނިސެފްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި އުމުރުން ފަސް އަހަރުން ދަށުގެ ކުދިންގެ ތެރެއިން 17 ޕަސެންޓު ކުދިންނަކީ ހުންނަންވާ މިންވަރަށް ވުރެ ބަރުދަން ދަށުގައި ހުރި ކުދިންނެވެ. އަދި 22 ޕަސެންޓު ކުދިންނަކީ ހުންނަންވާ މިންވަރަށް ވުރެ ބަރުދަން އިތުރު ނުވަތަ ފަލަބަލީގެ ކުދިންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި ކްލިނިކުގެ އަމާޒަކީ މި ފަދަ ސިއްހީ މައްސަލަތަކުން ކުޑަކުދިން ދުރުކޮށް، ސިއްހީ ގޮތުން ދެނެގަންނަންޖެހޭ ކަންކަން ދެނެގަތުން ކަމަށެވެ. އަދި އެކުދިންގެ ކެއުމުގެ އާދަތައް ދެނެގަނެ ސިއްހީ ގޮތުން ރައްކާތެރި އަދި ދުޅަހެޔޮ ގޮތްތަކެއް ކުދިންނަށާއި އެ ކުދިންގެ އާއިލާއަށް ހިއްސާކޮށްދިނުންކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ކްލިނިކުގެ ތެރެއިން ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖަކަށް ހާއްސަކުރެވިގެން ކެއުމުގެ ކަންކަން ބަހައްޓާނެ ގޮތުގެ އިރުޝާދާއި މައުލޫމާތު ލިބިގެންދާނެއެވެ. މީގެ އިތުރުން އަލަށް އުފަންވާ ކުދިންގެ ކާނާ އާއި އެ ކުދިންނަށް ކާން ދިނުމުގައި އަމަލުކުރަންވީ ގޮތުގެ ސެޝަންތައްވެސް ނަގައިދެވިގެންދާނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.