29 Jul 2021, 15:50
ކުޅުދުއްފުށި ސިޓީގައި ތެޔޮ ބައުޒަރެއްގައި އަލިފާން ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެ ހާދިސާގައި އެމްއެންޑީއެފްގެ ނޮދާން އޭރިއާ ސިފައިން ވަނީ މިހާރު އެ އަލިފާންގަނޑު ނިއްވާލާފައެވެ.
މިކަމާ ގުޅިގެން "ސަން" އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، އަލިފާން ރޯވީ ފެނަކަ ކުންފުނީގެ ބައުޒަރެއްގައި ކަމަށެވެ.
މިއަދު މެންދުރު ރޯވި އެ އަލިފާންގަނޑު ފަޔަރ އެންޑް ރެސްކިއުން ނިއްވާލާފައި ވާއިރު، އިތުރަށް އެހެންތާކު އަލިފާން ހިފާފައި ނުވާކަމަށް އާތިފް ވިދާޅުވިއެވެ.
"އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ، ދެން އެ އުޅަނދަށް ހަމަ ބޮޑެތި ގެއްލުންތަކެއް ވާނެތާ، ރޯވީމަ،" އާތިފް ފާހަގަ ކުރެއްވިއެވެ.
އާތިފް ވިދާޅުވީ ބައުޒަރުގައި އަލިފާން ރޯވިއިރު އޮތީ ފެނަކައިގެ އިންޖީނުގެ ތެޔޮ ޓޭންކަރާ ވަރަށް ކައިރީގައި އެދިމާ މަގުމަތީގައި ކަމަށެވެ.
"އަލިފާނުގެ ހާދިސާ ހިނގަން ދިމާވި ސީދާ ސަބަބުން ނުއެއް އެނގޭ، ކިހިނެތް ކަމެއް އެ ރޯވީ،" އާތިފް ވިދާޅުވިއެވެ.
އެމްއެންޑީއެފް ސްޕޯކްސްޕާސަން މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، އެ ހާދިސާގެ މައުލޫމާތު މިއަދު 11:55 ހާއިރު ލިބުނު ކަމަށެވެ. އަލިފާންގަނޑު ނިއްވާލެވިފައިވާކަމަށާއި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އާޒިމް ވިދާޅުވިއެވެ.
އަލިފާން ރޯވާން ދިމާވި ސީދާ ސަބަބެއް އެމްއެންޑީއެފްއިންވެސް އަދި ހާމައެއް ނުކުރެއެވެ.