29 Jul 2021, 15:24
ފުވައްމުލަކުގައި ހުންނަ ޏ. އަތޮޅު ހޮސްޕިޓަލްގެ އަންހެނުންގެ ހާއްސަ ޑޮކްޓަރު ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފިއެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހްމަދު ސައީދު "ސަން" އަށް ވިދާޅުވީ އަންހެނުންގެ ޑޮކްޓަރަށް ވަގުތީގޮތުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ރަސްމީކޮށް ފިޔަވަޅެއް އަޅަން އެނގޭނީ މައްސަލައާއި ގުޅޭ ލިޔެކިޔުންތައް ދިރާސާ ކުރުމަށްފަހު ނިމޭ ގޮތަކުން ކަމުގައި އޭނާ ވިދާޅުވިއެވެ.
"ރަސްމީ ފިޔަވަޅެއް އަޅަން އެނގޭނީ އިންވެސްޓިގޭޝަން ނިމުމުން. އޭރުން އެނގޭނީ ޒިންމާ ނަގަން ޖެހެނީ ކާކުކަން. މިވަގުތު މި އެޅީ ވަގުތީ ފިޔަވަޅެއް،"
"އެއްވެސް ޕޭޝަންޓެއްގެ ސާޖަރީއެއް ހެދުން އެކަހަލަ ކަމެއް އެ ޑޮކްޓަރު ލައްވާ ނުކުރުވާނަން. ޕޭޝަންޓުންގެ ރައްކާތެރި ކަމަށްޓަކައި ސާޖަރީ ކަހަލަ ޕޭޝަންޓަކަށް ނުރައްކާ ވެދާނެ ހުރިހާ ކަމަކުން އޭނާ އެކަހެރި ކޮށްފަ ހުރީ،" އަހްމަދު ވިދާޅުވިއެވެ.
އެ ޑޮކްޓަރު ސަސްޕެންޑްކޮށްފައިވަނީ ޑޮކްޓަރުގެ ބެލުމުގެ ދަށުން ސިޒޭރިއަންއެއް ހެދުމަށްފަހު ދެމަސް ފަހުން ޕޭޝަންޓުގެ ބަނޑުން ފޮތިގަނޑެއް ނަގަންޖެހުނު މައްސަލައެއް ދާދިފަހުން ފެންމަތިވެފައިވަނިކޮށެވެ.
ފުވައްމުލަކު ހޮސްޕިޓަލުގައި ބަލި މީހުން ބަލާ އަންހެނުންގެ ޑޮކްޓަރު، ފާއިތުވީ ދެމަސް ތެރޭގައި ކުރި ސިޒޭރިއަން އޮޕަރޭޝަން ތަކުގެ ތެރެއިން ތިން އޮޕަރޭޝަނެއްގައި މައްސަލަ ދިމާވެފައެވެ.
އަދި އެ ތިން ޕޭޝަންޓުންވެސް އިތުރު ފަރުވާއަށް މާލެ ފޮނުވަން ޖެހުނުކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން "ސަން" އަށް ވިދާޅުވީ އެ ޑޮކްޓަރުގެ މައްސަލަ ބެލުމަށްޓަކައި ބޭނުންވާ ހުރިހާ ލިޔެކިޔުން ތަކެއް މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ތަޖުރިބާކާރު ޓީމެއްގެ ބެލުމުގެ ދަށުން އެ މައްސަލަ ބެލުމަށްފަހު އެއްވެސް ފަރާތަކާއިމެދު ފިޔަވަޅެއް އަޅަން ޖެހޭ ނަމަ އެ ފިޔަވަޅެއް ވަގުތުން އަޅާނެ ކަމަށެވެ.