29 Jul 2021, 14:11
މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ އާމްދަނީއަށް ބޮޑު ކުރިއެރުމަކާއެކު ސާފު ފައިދާގެ ގޮތުގައި 110 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެސްޓީއޯއިން އާންމުކުރި މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.
މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު 1.2 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 70 ޕަސެންޓު އިތުރު އަދަދެކެވެ.
އާމްދަނީގެ ބޮޑުބައެއް ހިއްސާކޮށްފައިވަނީ އެސްޓީއޯއިން ކުރާ ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ އެވެ. އެގޮތުން ތެލުގެ ވިޔަފާރިން އެކަނިވެސް 1.4 ބިލިއަން ރުފިޔާ ލިބުނުއިރު، އެ ނޫން ވިޔަފާރިތަކުން ލިބުނީ 770 މިލިއަން ރުފިޔާ އެވެ.
ސާފު ފައިދާގެ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނީ 110 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 105 މިލިއަން ރުފިޔާގެ ސާފު ފައިދާއެކެވެ.
އާމްދަނީއާއި ސާފު ފައިދާގެ އިތުރުން ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ޖުމުލަ ހަރަދުވެސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފަ އެވެ.
އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގެ ޖުމުލަ ހަރަދު 255 މިލިއަން ރުފިޔާއަށް އަރާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައިވަނީ 231 މިލިއަން ރުފިޔާ އެވެ.