ބްރައިޓަން ކުޅުންތެރިންގެ އެހީތެރިކަމާ އެކު ލިވަޕޫލް އަށް އެފްއޭކަޕުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުވި އިރު، ސްޓެވެނޭޖް އިން ޓޮޓެންހަމް ހޮޓްސްޕާ ހިފަހައްޓައިފި އެވެ.

ބްރައިޓަން އާއި ލިވަޕޫލް ކުޅުނު މެޗުގެ ފުރަތަމަ ފަސް މިނެޓް ހަމަނުވަނީސް ލިވަޕޫލް އިން ވަނީ ލީޑު ހޯދައިފަ އެވެ. މިލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު މާޓިން ސްކާޓެލް އެވެ. މެޗުގެ ކުރީކޮޅު ލިވަޕޫލް އިން ލީޑު ހޯދިނަމަވެސް މެޗުގެ 17 ވަނަ މިނެޓުގައި ކަޒެންގާ ލުއާލުއާ ވަނީ ބްރައިޓަން އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ބްރައިޓަންގެ ލިއާމް ބްރިޑްކަޓް އަތުން ބައިކޮޅަށް ލަނޑެއް ވަދެފައިވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ލަނޑުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ 57 ވަނަ މިނެޓުގައި އެންޑްރޫ ކެރޯލް ވަނީ ލިވަޕޫލް އަށް ލީޑު ފުޅާކޮށްދީފަ އެވެ. މެޗުގެ 71 ވަނަ މިނެޓުގައި ބްރައިޓަންގެ ބްރިޑްކަޓް އަތުން ދެވަނަ ގޯލެއް ބައިކޮޅަށް ވަތް އިރު، އޭގެ ތިން މިނެޓް ފަހުން ބްރައިޓަންގެ ލެވިސް ޑަންކް އަތުން ވެސް ބައިކޮޅަށް ލަނޑެއް ވަދެފައިވެ އެވެ. މެޗުގެ 85 ވަނަ މިނެޓުގައި ލިވަޕޫލް އިން ކާމިޔާބު ކުރި ހަ ވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލުއިސް ސުއަރޭޒް އެވެ. މިމެޗު ނިމުގެންދިޔައީ 6-1 ލަނޑުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

ސްޓެވެނޭޖް އިން ޓޮޓެންހަމް ހިފެހެއްޓުމުން މި ދެ ޓީމުގެ ދެމެދުގައި އިތުރު މެޗެއް ކުރިއަށް ދާނެ އެވެ. މިމެޗު ކުޅޭނީ ޓޮޓެންހަމްގެ އަމިއްލަ ދަނޑުގަ އެވެ. ސްޓެވެނޭޖް އާއި ޓޮޓެންހަމް ބައްދަލު ކުރި މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނުކަން ފާހަގަ ކޮށްލެވެ އެވެ. މިމެޗު ނިމިގެންދިޔައީ 0-0 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ.

އެފްއޭ ކަޕުގައި ރޭ އިތުރު މެޗެއް ކުރިއަށް ގޮސްފައިވެ އެވެ. ކްރޯލޭ ޓައުން އާއި ދެކޮޅަށް ސްޓޯކް ކުޅުނު މެޗުން މޮޅުވެ، ކުއާޓާ އަށް ދަތުރުކޮށްފައިވެ އެވެ. މެޗުގެ 42 ވަނަ މިނެޓުގައި ސްޓޯކް އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ ޖަނަތަން ވޮލްޓާސް އެވެ. އަދި މެޗުގެ 52 ވަނަ މިނެޓުގައި ޕީޓާ ކްރައުޗް ވަނީ ސްޓޯކް އަށް ލީޑު ފުޅާކޮށްދީފަ އެވެ. މިމެޗު ނިމިގެންދިޔައީ 2-0 ލަނޑުން ސްޓޯކް ކުރީގައި އޮވެގެންނެވެ.