20 Feb 2012, 11:46
އިންސާފުގެ ދަތުރުގެ ނަމުގައި އެމްޑީޕީން ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ކުރުމަށް ފަހު ޖެހިގެން އައި ހޮނިހިރު ދުވަހު ލޮނު ޒިޔާރަތްކޮޅުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި، ކުދިން ބޭނުންކޮށްގެން ސިޔާސީ ނާޖާއިޒު ފައިދާއެއް ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ އެކަން ޗައިލްޑް އެބިއުސިން ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) އިން ކުށްވެރިކޮށްފި އެވެ.
ކެޕްސްއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީން ބޭއްވި ކުޑަކުދިންގެ ހަވީރަކީ ކުދިންނަށް އުފާވެރި މާހައުލެއް ގާއިމްކޮށްދިނުމުގެ ބަދަލުގައި ސިޔާސީ ކުލަތަކެއް އެކަމުގައި ޖެހި ގާނޫނު އަސާސީގެ 35 ވަނަ މާއްދާއާއި ޚިލާފަށް އިންތިޒާމްކޮށް ކުރިއަށް ގެންދިޔަ ހަވީރެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ ކަމަށެވެ. އަދި އެ ހަވީރުގައި ތުއްތު ކުދިންނަށް އެކަށީގެންވާ މާހައުލެއް ގާއިމުކޮށްދީފައިނުވާ ކަންވެސް ކެޕްސްއިން ވަނީ ފާހަގަކޮށްފަ އެވެ.
ހުކުރު ދުވަހުން ފެށިގެން އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އެތައް ބަޔަކަށް އުނދަގޫވާ ކަމަށް ކެޕްސް ބުނެ އެވެ. ޚާއްސަކޮށް ދަންވަރުގެ ވަގުތު ތަކުގައި ބާރަށް ލަވަޖެހުމާއި އަޑުގަދަކޮށް ވާހަކަ ދެއްކުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އެތަށް ކުޑަކުދިންނެއްގެ ހައްގު ގެއްލެމުންދާ ކަމަށް ކެޕްސް އިން ވަނީ ތުހުމަތުކޮށްފަ އެވެ.
ކެޕްސް އިން ބުނަނީ މުޒާހަރާ ކުރާ ސަރަހައްދުގައި ދިރިއުޅޭ ކިޔަވާ ކުދިންނަށް އެކުދިންގެ ކިޔެވުން ކުރިއަށް ގެންދިއުމުގައި ތަފާތު ހުރަސްތައް އެޅެމުންދާ ކަމުގެ ޝަކުވާ ވަރަށް ގިނަ ފަރާތްތަކުން ކުރަމުންދާ ކަމަށާއި ތުއްތު ކުދިން ނިދަން ދަތިވާކަމުގެ ޝަކުވާ ވެސް ކުރާ ކަމަށެވެ. އަދި އެކަންކަމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައި ނުވާތީ ކެޕްސްގެ ބަޔާނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކެޕްސް އިން ބުނީ އެމްޑީޕީން ކުރަނީ ސުލްހަވެރި މުޒާހަރާއެއް ކަމުގައި ގިނަ ފަރާތްތަކުން ބުނެ އެ އެއްވުމަށް ހުރަސް އެޅޭ ފަދަ އެއްވެސް ހަރަކާތެއް ނުހިންގަން ބުނާއިރު، އެހިސާބުގައި ދިރިއުޅެމުންދާ އެތައް ކުދިންނެއްގެ ހައްގުތައް ނިގުޅިގެންދާއިރު އެއްޗެއް ވިދާޅުނުވެ ތިބުމަކީ އިންސާފު ގާއިމުކުރެވިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި އިންސާފުގެ ދަތުރު ފަށައިގެން މަސައްކަތް ކުރާއިރު ހުރިހާ އެންމެނަށް އިންސާފު ހޯދައިދިނުމަށް ކެޕްސްގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
އެމްޑީޕީގެ ރައީސް ޑރ. އިބުރާހިމް ދީދީ ވިދާޅުވެފައި ވަނީ އިންސާފުގެ ދަތުރުގެ ނަމުގައި އެމްޑީޕީން ކުރި ބޮޑު މުޒާހަރާ ހުކުރު ދުވަހުގެ ރޭ މެންދަމު 12:00 އަށް ނިމިފައިވާ ކަމަށާއި އޭގެ ފަހުން އެ ސަރަހައްދުގައި ހިނގާ ހަރަކާތްތަކަކީ އެމްޑީޕީގެ ރަސްމީ ހަރަކާތްތަކެއް ނޫން ކަމަށެވެ. ނަމަވެސް ބޮޑު މުޒާހަރާއަށް ފަހު ވެސް އެމްޑީޕީން ގެންދަނީ އެ ސަރަހައްދުގައި މެދުކަނޑާ ނުލައި މުޒާހަރާ ކުރަމުންނެވެ. އަދި އެ މުޒާހަރާތަކުގައި އެމްޑީޕީގެ އިސް ލީޑަރުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.