އެސްޓްރަޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒު ޖެހުމަށްޓަކައި އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެދުުމަށް އެޗްޕީއޭއިން މިއަދު ހުޅުވާލައިފިއެވެ.

އެޗްއީއޯސީއިން އިއްޔެ ވަނީ ރާއްޖެއިން އޯޑަރުކުރި އެސްޓްރަޒެނެކާ ވެކްސިން ޝިޕްމަންޓުގެ އެއްބައި ލިބިފައިވާކަން އިއުލާނުކޮށްފައެވެ. އަދި ރާއްޖޭގައި ވެކްސިން ޖަހައި ނިންމުމަށްޓަކައި ވެކްސިންގެ ވަރުގަދަ ކެމްޕޭނެއް 31 ޖުލައިގައި ފަށައި މަސް ދުވަސް ތެރޭގައި ރާއްޖޭގެ 90 ޕަސަންޓު އާބާދީއަށް ވެކްސިން ޖަހައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނި ގޮތުގައި އެސްޓްރަޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒު ޖެހުމަށްޓަކައި އެޕޮއިންޓްމަންޓް ހެދުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުންbook.hpa.gov.mvއަށް ދިޔުމަށްފަހު މީހާއާއި ބެހޭ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު ވެކްސިން ޖަހަން ބޭނުންވާ ދުވަހާއި ގަޑި އިހްތިޔާރުކުރެވޭނެއެވެ.

އެޕޮއިންޓްމަންޓް ހަމަޖެހުމުން އެސްއެމްއެސް އެއް ލިބޭނެ ކަމަށާއި ވެކްސިން ޖަހަންގޮސް ވެކްސިން ސެންޓަރަށް އެ އެސްއެމްއެސް ދައްކަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފަވެއެވެ.

އެޕޮއިންޓްމަންޓް ހަމަޖެހޭ ގަޑީގެ 15 މިނަޓް ކުރިން ސެންޓަރަށް ދިޔުމަށް އިލްތިމާސް ކޮށްފައިވާއިރު ގަޑިއަށް ނުދެވިއްޖެނަމަ އެޕޮއިންޓްމަންޓް ކެންސަލް ވާނެ ކަމަށާއި އެހެން ދުވަހަކަށް އަލުން އެޕޮއިންޓްމަންޓް ހަދަން ޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ބުނެފަވެއެވެ.

އެޕޮއިންޓްމެންޓް ހެދުމުގައި ދަތިތައް ކުރިމަތިވާ ފަރާތްތަކުން 1676 ގުޅައިގެން އެހީތެރިކަން ހޯދޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭއިން ބުނި ގޮތުގައި, ރާއްޖޭގައި އެސްޓްރަޒެެނެކާ ވެކްސިން ޖަހަން ފަށާ އިރު, ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންނަށް ދެވަނަ ޑޯޒުގެ ގޮތުގައި އެސްޓްރަޒެނެކާ ވެކްސިން ޖެހޭނެއެވެ.