29 Jul 2021, 09:01
މާލޭގައި މީޓަރު ޕާކިން ސިސްޓަމް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ރޭ ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް އެކަން އެންގުމަށް އެދިފައެވެ.
ސިޓީ ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 19 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ކައުންސިލުގެ ޕްރޮކިއުމަންޓް ސެކްޝަނުން މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.
އަދި ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން މި މަސައްކަތް ކުރުމަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ވަނީ ނިންމާފައެވެ.
މީޓަރު ޕާކިން ސިސްޓަމަކީ ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރާ ހިދުމަތެކެވެ. މި ސިސްޓަމަކީ ވަކި ވަގުތަކަށް ވެހިކަލް ޕާކުކުރުމަށް ފައިސާ ނަގާގޮތަށް ބަހައްޓާފައި ހުންނަ ސިސްޓަމެކެވެ. ދުނޔޭގެ ގިނަ ގައުމުތަކެއްގައި މި ސިސްޓަމް އަންނަނީ ބޭނުންކުރަމުންނެވެ.
އެގޮތުން މާލޭ ސިޓީ ކައުންސިލުގެ އިސްނެގެމުގެ މަތިން މި ސިސްޓަމާއެކު މާލޭގެ ޕާކު ކުރުމުގެ ކަންކަމަށް ބަދަލުތަކެއް އަންނާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ސިޓީ ކައުންސިލުން މިހާރުވެސް އަންނަނީ މާލޭގައި ޕާކިން ޒޯނުތައް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ.