ސިޔާސީ ހަލަބޮލިކަމާއެކު ބޭރު ދުނިޔޭގައި ރާއްޖެއާ ބެހޭގޮތުން ފެތުރި ނޭދެވޭ ވާހަކަތަކުން ރާއްޖޭގެ ޓޫރިޒަމަށް 100 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ) ގެ ގެއްލުންވާނެ ކަމަށް ނިއުސް އެޖެންސީ އޭއެފްޕީން ބުނެފި އެވެ.

ޓޫރިޒަމް އިންޑަސްޓްރީ ތަމްސީލްކުރާ، މަޓީ އާ ހަވާލާދީ އެ އެޖެންސީން ރިޕޯޓްކޮށްފައިވާ ހަބަރެއްގައި ބުނަނީ ރާއްޖޭގެ ރިސޯޓްތަކުގައި ޓޫރިސްޓުންނަށް ރައްކާތެރި މާހައުލެއް އޮތް ކަމާ މެދު ޓޫރިސްޓުން ސުވާލުކުރާކަމަށެވެ. އެ ބިރުވެރި ކަމާ ހެދި ރާއްޖޭގައި ޗުއްޓީ ހެދުމަށް ހަދާފައިވާ ބުކިންސްތަކުން މިހާރުވެސް 500 ބްކިންސް ކެންސަލްކޮށްފައިވާ ކަމަށެވެ. ބްކިންސް ކެންސަލްކުރާ ރޭޓަށް ބަލައި ކުރިއަށް އޮތް ހަ މަސްދުވަހު ރާއްޖޭގެ ޓޫރިޒަމަށް 100 މިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިވާނެ ކަމަށް މަޓީއާ ހަވާލާދީ ބުނެފައި ވެއެވެ.

"ދީނީ ހަރުކަށި، ހައްދުފަހަނަ އަޅާފައިވާ މީހުންނާ ގުޅުން ހުރި ސަރުކާރެއް ގާއިމްކުރާ ކަމަށް ތުހުމަތުކޮށް ސިޔާސީ ފަރާތްތަކުން އާންމު ބައްދަލުވުންތަކުގައި ދައްކާ ވާހަތަކުން ރާއްޖެއަށް ބޭރުގެ މީޑީޔާ ތަކުގެ ލޯހުއްޓި އެ ވާހަކަތައް އަންނަނީ ރިޕޯޓް ކުރެވެމުންނެވެ،" މަޓީން ދިން ސްޓޭޓްމަންޓެއް ކަމަށް ބުނެ ރިޕޯޓްކޮށްފައި ވެއެވެ.

ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބު މިއަދު ވިދާޅުވީ ބުކިންސް ކެންސަލްކުރާ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ވެސް ލިބިވަޑައިގެންފައިވާ ކަމަށާއި އެކަން މޮނީޓާކުރުމަށް ހާއްސަ ސެންޓަރެއް ގާއިމްކޮށް އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ބްކިންސް ކެންސަލްކުރާ އަދަދަށް ބަލާނަމަ އެ އަދަދާ ގާތްކުރާ އަދަދަށް ބުކިންސް ހަދާކަން ފާހަގަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ ޝަކުވާތަކަށް ރެސްޕޮންސް ކުރަމުން މިދަނީ. އަޅުގަނޑުމެންގެ ސެންޓަރަށް ފާހަގަވާ ގޮތުގައި ކެންސަލްވާ އަދަދަދަށް އެބަ ބުކިންސް ހެދޭ. އެހެންވީމަ މާބޮޑު އިމްޕެކްޓެއް [އަސަރެއް] އަންނަނާނެ ކަމަށް ގަބޫލެއް ނުކުރެވޭ،" އަދީބު ވިދާޅުވި އެވެ.

ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކުރަންޖެހޭ މަސައްކަތްތައް ގިނަކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކުރީގެ ރައީސް މުހަންމަދު ނަޝީދާއި ގާތް ގުޅުންތަކެއް އޮންނަ ޑޭވިޑް ހާޑިން ހަމްގެ ފްރެންޑްސް އޮފް މޯލްޑިވްސް އިން ދާދިފަހުން ވަނީ ރާއްޖޭގެ ބައެއް ރިސޯޓްތައް ބޮއިކޮޓް ކުރުމަށް ވެސް ގޮވާލާފަ އެވެ. މި ދުވަސްވަރު ވަނީ ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް ހިންގާ ނެގެޓިވް ކެމްޕޭންތައް އިތުރުވެފަ އެވެ.