29 Jul 2021, 10:43
މި އަހަރުގެ ތެރޭގައި މާލެއިން 700 އަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވި ދުވަސްތައް ފެނިގެން ގޮސްފިއެވެ. މުޅި ރާއްޖެއިން 1,500 މީހުން ބައްޔަށް ޕޮޒިޓިވްވި ދުވަސްތައް ފެނުނެވެ. ދުވާލެއްގެ ތެރޭގައި 20 މީހުން މަރުވެ, މަހެއްގެ ތެރޭގައި 90 މީހުން ކޮވިޑް-19 ގައި މަރުވެ ދިޔަ މަންޒަރުވެސް ފެނިއްޖެއެވެ.
އެކަމަކު ރާއްޖެ މިހާރު މި އޮތީ އެ ނުރައްކާތެރި, ބިރުވެރި ހާލަތު ކަޑައްތުކޮށްފައެވެ. އެކިއެކި ފިޔަވަޅުތަކާއި އަޅައި, އާބާދީގެ 60 ޕަސަންޓަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްގެން އަހަރެމެން މިތިބީ ވަރަށް ބޮޑަށް ރައްކާތެރިވެގެންނެވެެ.
ބަލީގެ އެންމެ ބޮޑެތި ނުރައްކާތައް ރާއްޖެއިން ފޮހެލެވި, ކުރީގެ އާންމު ހާލަތާ ދިމާއަށް އެނބުރި ރުޖޫއަވުމުގެ ފެހި ސިގްނަލް މިދަނީ ފެންނަމުންނެވެ. އަހަރެމެން ދިވެހީން ހަގީގަތުގައިވެސް ނަސީބު ގަދައީއެވެ.
މި ބަލިން ރާއްޖެ ސަލާމަތްވުމުގެ އުންމީދީ ކޮޅުމަތީގެ ހަބަރު އެންމެ ފުރަތަމަ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު, މިނިވަންދުވަހުއެވެ.
"މިއަންނަ ހަފްތާގެ ތެރޭގައި އަޅުގަނޑުމެން މި ފަށަނީ ރާއްޖޭގައި އުޅޭ އެންމެންނަށް ކޮވިޑް ވެކްސިން ޖެހުުގެ ވަރަށް ބޮޑު ޕްރޮގްރާމެއް. ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން ވެކްސިން ޖަހާ އުމުރުން 90 ޕަސަންޓު މީހުންނަށް މިފެށޭ އޮގަސްޓް މަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމުން. އަދި މި ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގެ އެންމެންނަށް ވެކްސިން ޖަހައި ނިންމުން. މިއީދުނިޔޭގެ މަދު ގައުމަކަށް ނޫނީ މިވަގުތު ލިބިފައި ނެތް ވަރަށޤ މަތިވެރި ނަސީބެއް," ރައީސް ވިދާޅުވިއެވެ.
އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި, ވެކްސިން ޖެހުމުގެ މި "ވަރުގަދަ" ހަރަކާތް 31 ޖުލައި ގައި ފަށާނެ އެވެ. އަދި މިއީ ބަލިން އަރައިގަނެ އާންމު ހާލަތަށް ރުޖޫއަވުމަށް މަސައްކަތްކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.
"މިއީ މިބަލިން ރައްކާތެރި ވުމަށް ވެކްސިން ޖެހުމުގެ ހަމަ އެންމެ ފައިނަލް ޕުޝް ނުވަތަ އެންމެ ބާރަށް ހަމަ އަޅުގަނޑުމެން ހިފައި، ވެކްސިން ޖަހާ ނިންމުމަށް އަޅުގަނޑުމެން މަސައްކަތް ކުރާ ފަހަރު،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެގޮތުން މާލޭގައިވެސް ކޮވިޑްގެ ކޭސްތައް ދަށްވުމާއި އަތޮޅު ތެރޭގައިވެސް މޮނިޓަރިންގައި ހުރި ރަށްތައް މަދުވެފައި ވާކަމަށް ނަޒްލާ ވިދާޅުވި އެވެ. އަދި މޮނިޓަރިންގައި ހުރި ގިނަ ރަށްތަކުގައި ވެސް ކޭސްތައް ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައި ވާކަމަށް ނަޒްލާ ފާހަގަ ކުރެއްވި އެވެ.
"އިރާދަކުރެއްވިއްޔާ މިފަހަރު މި ލިބުނު [ވެކްސިންގެ] ޝިޕްމެންޓާ، އަދި ކުރިއަށް އަޅުގަނޑުމެންނަށް އަންނަން ހުރި ވެކްސިންތަކުގެ، އެކި އެކިގޮތްގޮތުން ލިބެންހުރި ޝިޕްމަންޓްތަކާ އެއްކޮށް އަޅުގަނޑުމެންނަށް ބެލެވޭ، މިވަގުތު ދިވެހި ރާއްޖޭގައި ވެކްސިން ޖަހަން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ފެށޭނެ ކަމަށް،" ޕްރެސް ކޮންފަރެންސްގައި ޑރ. ނަޒްލާ ވިދާޅުވި އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކަށް އެކަށީގެންވާ ވަރަށް އަދިވެސް ވެކްސިން ނުލިބޭ އިރު, އަހަރެމެންގެ ރާއްޖެއަށް އެކި ގޮތްގޮތުން ރަނގަޅު މިންވަރެއް ހޯދިފައެވެ. ރައްކާތެރިކަމުގެ ފަށަލައެއް ލުމަށްޓަކައި ކޮންމެ މީހަކަށް ބޭނުންވާ ދެ ޑޯޒު ވެކްސިން ރާއްޖޭގައި އެބަ ހުއްޓެވެ. އާބާދީގެ ބޮޑު ޕަސަންޓު ވަނީ ވެކްސިން ޖަހައި, ރައްކާތެރިކަން ހޯދާފައެވެ. އަހަރެމެން ދިވެހީން ހަމަ ހަގީގަތުގައިވެސް ނަސީބު ގަދައީއެވެ.
ދެން އޮތީ ވެކްސިން ނުޖަހާ ތިބި މަދު އަދަދެއްގެ ބަޔަކު އެއްބާރުލައި ވެކްސިން ޖަހައި ފުރިހަމަކުރުމެވެ. މުޅި މުޖުތަމައާއި ގައުމު އާންމު ހާލަތަށް ރުޖޫއަކުރެވެން އޮތީ އެންމެން އެއްބާރުލައިގެންނެވެ.