20 Feb 2012, 11:01
މިދިޔަ ހުކުރު ދުވަހު ހަވީރު އެމްޑީޕީގެ އިންސާފުގެ ދަތުރުގެ މުޒާހަރާގައި އެ ޕާޓީގެ ކުރީގެ ރައީސް އިބުރާހިމް އިސްމާއިލް (އިބުރާ) ހުތުރު އެއްޗެހި ވިދާޅުވެ ވާހަކަ ދެއްކެވި މައްސަލަ ބަލައިދިނުމަށް ޕީޕީއެމުން އެޑިޔުކޭޝަން މިނިސްޓްރީ އަށް އިއްޔެ ހުށައަޅައިފި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަބުދުއްރަހީމް އަބުދުﷲ ސޮއިކުރައްވައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާސިމް މުހައްމަދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އިބުރާހިމް އިސްމާއިލް ފަދަ ތައުލީމީ ދާއިރާއާ ގުޅުން ހުރި ބޭފުޅަކު ވަގުތުން ދުރަށް ދައްކަމުން ދިޔަ އެއްވުމެއްގައި ހަޑިހުތުރު ބަހުރުވަ ބޭނުންކުރުމަކީ ޅަދަރިންނަށާއި ކިޔަވާ ކުދިންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ.
"...ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕުޝަނާއި ފަސާދައިގެ ބޮޑެތި ޖަރީމާތަކުގެތެރެއިން ތައުލީމީ ދާއިރާ އާއި ގުޅުން ހުރި ޣައިރު ގާނޫނީ ބޮޑު އަމަލެއްގެ ފައިދާ ލިބިފައި ވަނީ އިބުރާހިމް އިސްމާއިލަށް ކަމަށް ތުހުމަތުކުރެވެމުންދާ ހިނދެއްގއި، ތައުލީމީ ދާއިރާއާ ގުޅުން ހުރި މީހަކު ވަގުތުން ދުރަށް ދައްކަމުން ދިޔަ އެއްވުމެއްގައި ހަޑި ހުތުރު ބަހުރުވަ ބޭނުންކުރުމަކީ ޅަދަރިންނަށާއި ކިޔަވާކުދިންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމެއް. އަދި އެކުދީންގެ އަހުލާގީ ފެންވަރު ދަށްވެގެންދާނެ ހުތުރު އަމަލެއްވެސްމެ،" ސިޓީގައިވެ އެވެ.
ސިޓިގައި ބުނެފައި ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ސިޔާސަތުތަކާއި މިންގަނޑުތަކާއި މަންދުކޮލެޖް ހިންގަވާ އިބުރާހިމް އިސްމާއިލް ހިލާފުވެފައި ވާތީ އެކޮލެޖުން ދިވެހި ޒުވާނުންނަށް ދޭ ތައުލީމު ރަނގަޅަށް ބައްލަވައި ތަހުގީގުކޮށް އިބުރާހިމް އިސްމާއިލާ މެދު ހަށުކަށި ފިޔަވަޅު އަޅައިދިނުމަށް އެދޭ ކަމަށެވެ.