28 Jul 2021, 13:28
ރާއްޖެއަށް ދަތުރުކުރާ ހުރިހާ ފަރާތްތަކަކުންވެސް 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮންނަން ޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުސޫލު ބަދަލުކޮށްފިއެވެ.
އެޗްޕީއޭއިން މީގެ ކުރިން އޮތީ ރާއްޖެއަށް ދަތުރުކުރާ ބައެއް ފަރާތްތަކުން 72 ގަޑިއިރުގެ ނެގެޓިވް ޓެސްޓް ރިޒަލްޓްއަކާއެކު އައުމުގެ ހުއްދަ ދީފައެވެ. އެހެންނަމަވެސް މިހާރު އެ އުސޫލު ވަނީ އުވާލާފައެވެ. މިހާރުގެ އުސޫލުގައި އޮންނަ ގޮތުންނަމަ ރާއްޖެ ދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް 96 ގަޑިއިރުގެ ޕީސީއާރު ނެގެޓިވް ރިޒަލްޓްއެއް އޮންނަން ޖެހޭނެއެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަނުން ކުރި ޓްވީޓެއްގައި ބުނީ 96 ގަޑިއިރުގެ ނެގެޓިވް ޕީސީއާރު ޓެސްޓަކީ ކުރިން 72 ގަޑިއިރުގެ ޕީސީއާރު ޓެސްޓް އުސޫލު އުވާލުމަށްފަހު އަލުން ރުޖޫއަކުރި އުސޫލެކެވެ. އަދި އެ އުސޫލުން އިސްތިސްނާ ވާނީ ހަމައެކަނި އެއް އަހަރު ނުވާ ކުޑަކުދިންކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަންގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެގޮތަށް އުސޫލު ބަދަލު ކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި ބައެއް މަންޒިލްތަކުން ރާއްޖެއަށް ދަތުރުކުރާއިރު، ޓްރާންސިޓް ދަތުރު ހިމެނޭ ގޮތުން 72 ގަޑިއިރުވާތީ އެކަމަށް ލުޔެއް ދިނުން ހިމެނެއެވެ.
ޓެސްޓުގެ ވަގުތު ގުނަން ފަށާނީ ރާއްޖެ އަންނަން ދަތުރުފަށާ ފުރަތަމަ މަންޒިލުންނެވެ.
ދެކުނު އޭޝިއާ ސަރަހައްދުގައި ކޮވިޑް-19ގެ ޑެލްޓާ ވޭރިއެންޓް ހަލުވިކަމާއެކު ފެތުރެން ފެށުމާއެކު ރާއްޖެއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ދެކުނު އޭޝިއާ ފަތުރުވެރިން އައުން ގިނަ ދުވަސްތަކަކަށް މަޑުޖައްސާލާފައެވެ. ހާލަތު ރަނގަޅުވުމާއެކު އަނެއްކާވެސް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާ ފަތުރުވެރިން ރާއްޖެ އައުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހުއްދަ ދީފައެވެ.