"ލާރި ލާރި، ޔޭސް ސާ! ލާރި، ލާރި...!" މިއީ ރައީސް ނަޝީދުގެ ސަރުކާރު ވެއްޓުމަށް ފަހު ސަލާމާތީ ބާރުތައް، ސިފައިންނާއި ފުލުހުންނަށް ނިސްބަތްކޮށް ރައީސް ނަޝީދު ނިސްބަތްވާ ޕާޓީގެ މެންބަރުންނާއި އެމަނިކުފަނުގެ ސަޕޯޓަރުން ހުއްޓާ ނުލައި ސިފައިންނާއި ފުލުހުންނަށް އަމާޒު ކުރާ ބަސްތަކެކެވެ. އެމީހުން ބުނަނީ ސިފައިންނާއި ފުލުހުން ރިޝްވަތު ހިފާފައިވާ ކަމަށާއި ހުވަޔާ ހިލާފުވެ ގައުމަށް ޣައްދާރުވެ، ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންތަކެއްގެ އަތްދަށުވެފައިވާ ކަމަށެވެ.

ކުރީގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކަށް ފަހު ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލުމުގައި ފުލުހުންނާއި ސިފައިންގެ ދައުރު ބޮޑެވެ؛ އޭރުގެ އިދިކޮޅު ފަރާތްތަކުން ނަޝީދުގެ ސަރުކާރަށް ކިތަންމެ ޕްރެޝަރެއް ކުރި ނަމަވެސް އެމަނިކުފާނުގެ ސަރުކާރު ތިން އަހަރުން ނިންމައިލީ ފުލުހުންނާއި ސިފައިން ކަމަށް ބުނެވިދާނެ އެވެ.

އާންމުންނާއި ސިފައިންނާއި ފުލުހުން ގުޅިފައިވާ އެ ހާދިސާތަކަށް ފަހު ސަރުކާރު ވެއްޓި ކުރީގެ އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިބި މީހުންނަށް ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް، ރައްޔިތުންނާއި ގައުމުގެ ދިފާއުގައި ތިބި ފުލުހުންނާއި ސިފައިންގެ ބޮލުގައި ވަނީ ރިޝްވަތު އިލްޒާމްތައް އަޅުވާފަ އެވެ. ޤާނޫނާއި ހިލާފުވި ގައްދާރުންގެ ލަގަބު ދީފަ އެވެ. ބާޣީން ކަމަށް ލޭބަލްކޮށްފަ އެވެ.

ރައީސް ނަޝީދު ސަރުކާރު ވެއްޓުނީއްސުރެ އެމްޑީޕީގެ ފާޑު ކިޔުންތައް ވަނީ ފުލުހުންނާއި ސިފައިންނަށް އަމާޒުކޮށްފަ އެވެ. އެމްޑީޕީގެ ހުރިހާ އެއްވުމެއްގައި ވެސް ސިފައިންނާއި ފުލުހުންނަށް އަމާޒުކޮށް ގޮވަމުން ދަނީ "ލާރި ލާރި! ޔޭސް ސާ" އެވެ. އަދި ބޮޑެތި ވިޔަފާރިވެރިންގެ އަތުން ރިޝްވަތު ހިފާފައިވާ ކަމަށެވެ. އަދި އެއްވުންތަކުގައި ވަނީ ފުލުހުންނާއި ސިފައިންނަށް އަމާޒުކޮށް ފައިސާ ވެސް އުކާފަ އެވެ. ފައިސާގެ ފޮޓޯ ކޮޕީތަކާއި ރިޝްވަތުގެ ވާހަކަތައް ހިމެނޭ ލިޔުންތައް ވެސް އުކާފައިވެ އެވެ. ފުލުހުންނާއި ސިފައިންނަށް އަމާޒުކޮށް ގޮވާ ރިޝްވަތުގެ އިބާރާތްތައް ވަނީ ފާޑެއްގެ އަންބާއަކަށް ވެފަ އެވެ.

ސަރުކާރު ވެއްޓުމަށް ފަހު ފުލުހުންނާއި ސިފައިން ދެކެ އަރައިގަތް ރުޅީގައި ބަޔަކު ވަނީ ފުލުހުންނާއި ފުލުހުން މަރުކަޒުތަކަށް ވެސް ގެއްލުންދީފަ އެވެ. އެ ގެއްލުންތަކުގެ އަގު 112 މިލިޔަނަށް އަރާކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

"މިހާރު ފުލުހުންނާއި ސިފައިންނަކަށް އެއްވެސް އިތުބާރެއް ނުކުރެވޭ. އެއީ ހަމަ ލާރިއަށް ހެއްލިގެން ރައްޔިތުންގެ ހައްގެއް ނިގުޅައިގަތުމަށް ބާރުދިން ބައެއް،" އެމްޑީޕީގެ އެއްވުމެއްގައި ބައިވެރިވި އަންހެނަކު ބުންޏެވެ. މިއީ ހަމައެކަނި މި އަންހެން މީހާގެ އަޑެއް ނޫނެވެ. އެމްޑީޕީގެ އެންމެ މަތިން ފެށިގެން ހުރިހާ އެންމެން އެކީ އެއްއަޑުން މި އިބާރާތްތައް މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ވަނީ އަޑު ހިއްޕުވާފަ އެވެ.

އެމްޑީޕީގެ ގިނަ ބަޔަކު ވެސް އަދި އެހެން ފަރާތްތައް ވެސް ގަބޫލު ކުރާ ވާހަކައެއް އޮވެ އެވެ؛ އެއީ ރައީސް ނަޝީދުގެ ސަރުކާ ވެއްޓުނީ ތަކުރާރުކޮށް ގާނޫނާ ހިލާފުވަމުން ދިއުމެވެ. ފެބުރުއަރީ ހަތް ވަނަ ދުވަހު ފުލުހުން ޖުމްހޫރީ މައިދާނަށް އެއްވީ ވެސް އެއްވެސް ޣައިރު ގާނޫނީ އަމުރަކަށް ތަބާނުވާނެ ކަމަށް ބުނަމުން ހަރު އަޑުން އެމީހުންގެ އަޒުމުގެ ކިޔަމުން ފެބުރުއަރީ ހަވަ ދުވަހުގެ ރޭ މެންދަމު ރަށުގެ ތެރޭގައި އުޅުމަށް ފަހު އެވެ. ޖުމްހޫރީ މައިދާނުގައި ވެސް އެމީހުން ކުރާ ހަމައެކަނި ޑިމާންޑަކީ އެމީހުންގެ މައްޗަށް ޣައިރު ގާނޫނީ އަމުރު ނުކުރުމެވެ. އަދި ސަރުކާރުގެ އިސް ވެރިން ނޫނީ ފުލުހުން އެ މީހުންގެ ކުރިމައްޗަށް ނުކުމެ ބުނުމަށެވެ. ނަމަވެސް ފާޅުކަން ބޮޑުކޮށް އެނގޭ ހަގީގަތަކީ، ފުލުހުން ގާތްގަނޑަކަށް 12 ވަރަކަށް ގަޑި އިރު ވަންދެން އެކަމަށް އާދޭސް ކުރި އިރު ވެސް ސަރުކާރުން ވެސް އަދި ފުލުހުންގެ އިސް ވެރިން ވެސް ވަނީ އެ މީހުންގެ މައްޗަށް ޣައިރު ގާނޫނީ އަމުރެއް އޭގެ ފަހުން ނުކުރާނެ ކަމަށް ބުނުމަށް ފަސްޖެހިފައި ކަމެވެ.

ފުލުހުން ވެސް ސިފައިން ވެސް ބުނަނީ ހަތް ވަނަ ދުވަހު ރާއްޖޭގެ ތާރީހު ބަދަލުކޮށްލި ހަރަކާތަކީ ރިޝްވަތު ހިފައިގެން ކޮށްފައިވާ ކަމެއް ކަމަށް ބުނާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. ފުލުހުން ރިޝްވަތު ހިފާފައިނުވާނެ ކަމަށް ފުލުހުންގެ ފަރާތުން އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރު އަލީ ރަޝީދު ކަށަވަރުކޮށްދެއްވާއިރު ސިފައިން ވެސް ވަނީ ރިޝްވަތު ހިފާފައި ނުވާނެ ކަމަށް ބުނެ ބަޔާނެއް އާންމުކޮށްފަ އެވެ.

"[ރިޝްވަތު ހިގި ކަމަށް ބުނާ ވާހަކަ] އެއީ ދޮގެއް. [ފުލުހުންގެ] އެއްވެސް ފަރާތަކުން ނެތް އެކަމުގައި ރިޝްވަތު ހިފާފައެއް ނުވާނެ،" އަލީ ރަޝީދު ވިދާޅުވި އެވެ.

ސަލާމަތީ ބާރުތަކުން ރިޝްވަތު ހިފިކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކާ ގުޅިގެން އެމްއެންޑީއެފުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިހެނެވެ: "މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ދިވެހިރާއްޖޭގެ ގައުމީ ދިފާޢީބާރަށް އަމާޒުކޮށް، ރިޝްވަތު ހިފިކަމަށް ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަ ތަކެކެވެ. އަދި މިކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ،"

ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންޕެކްޓާ އޮފް ޕޮލިސް އަހުމަދު ސިޔާމް ވިދާޅުވި ގޮތުގައި އާއްމު ބައެއް ތަންތަނުގައި ވާހަކަދައްކާ ފަރާތްތަކުން ފުލުހުންނާ ދިމާލަށް ރިޝްވަތު ހިފި ކަމުގެ ބަސްތައް ރައްދުކުރާތީ އެކަމުގެ ޝަކުވާތައް ފުލުހަށް ލިބެމުން ދިޔަ ނަމަވެސް، ވަކިވަކި ފަރުދުން ފުލުހުންނާއި ދިމާކުރާ ކަމުގެ ޝަކުވާއެއް ނުލިބެ އެވެ. އަދި ވެރިކަން ބަދަލުވެގެން ދިޔަ ގޮތުގެ ތަހުގީގެއް ވަރަށް އަވަހަށް ފަށާނެ ކަމަށާއި އެކަމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ފުލުހުންނާއި ސިފައިން ރިޝްވަތު ހިފި ކަމަށާއި ބޮޑެތި މަހުޖަނުންގެ އަތްދަށުވެފައިވާ ކަމަށް ބުނާ ވާހަކަތައް ސާބިތުކޮށްދެވޭވަރުގެ ހެކިތަކެއް ވެސް އަދި ގަރީނާތަކެއް ވެސް މިހާތަނަށް އެއްވެސް ފަރާތަކުން ފެންމަތިކުރުވާފައެއް ނުވެ އެވެ. މިސާލަކަށް އެފަދަ ކަމަކަށް ބާރުލިބޭ އޯޑިއޯއެއް ވީޑިއޯއެއް އަދި ޑޮކިއުމެންޓެއް ވެސް ތިލަފަށަށް އައިސްފައެއް ނުވެ އެވެ. އެހެން ކަމުން ރިޝްވަތާ ގުޅުވައިގެން ދެކެވޭ ވާހަކަތައް ވަނީ ސުވާލުތަކެއްގެ ތެރޭގަ އެވެ. މީގެ މާނައަކީ އެ ތުހުމަތުތައް ހަގީގަތަކަށް ނުވުމެއް ނޫނެވެ.

ނަޝީދުގެ ވެރިކަން ބަދަލުވީއްސުރެ ރާއްޖޭގައި ހިނގައި ދިޔަ ކަންކަމުގައި ފުލުހުންނަށާއި ސިފައިންނަށް ނިސްބަތްކޮށް ރިޝްވަތުގެ ބަސްތައް ރައްދުކޮށް، ވެރިކަން ވައްޓާލީ އިދިކޮޅު ފަރާތްތަކުން ކުލީ ސިފައިން ބޭނުންކޮށްގެން ބަޣާވާތަކުން ކަމަށް ކުރާ ތުހުމަތުތައް މިހާރުގެ އިދިކޮޅު ފަރާތްތަކުން ހުއްޓައެއް ނުލަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ ވިދާޅުވި ގޮތުގައި ސިފައިންނާއި ފުލުހުންގެ މައްޗަށް ރާއްޖޭގެ ރައްޔިތުން ކުރި އިތުބާރު ރާއްޖޭގެ ގިނަ ބައެއްގެ ކުރިމަތީގައި ވަނީ ގެއްލިފަ އެވެ. އަދި ގެއްލިފައިވާ އިތުބާރެއް އަނބުރާ ހޯދަން ޒަމާންތަކެއް ނަގާނެ އެވެ. އެއިތުބާރު އަނބުރާ ދިފާއީ ބާރުތަކުގެ މައްޗަށް ހޯދައިދިނުމަކީ ޑރ. ވަހީދުގެ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ދެކެވަޑައިގެންނަވާ ކަމަށްވެސް އޭނާ ވިދާޅުވެ އެވެ.

"ސިފައިންނާއި ފުލުހުން އެތިބީ ވިޔަފާރިވެރިންގެ ބަޔަކު ގަނެފައި. މަދު ބަޔަކު ކުރި ކަމެއް ކަމުގައި ނަމަވެސް އެ ހަޑި ނަން މުޅި މުއައްސަސާގެ ބޮލުގައި އެޅޭނެ. މިރާއްޖޭގެ ގިނަ ބަޔަކު ސިފަކުރަނީ އެއީ ކުލީ ސިފައިންގެ ގޮތުގައި. އެމްޑީޕީން ގަބޫލެއް ނުކުރަން ފުލުހުންގެ މުއައްސަސާ އެކީގައި ދޮވެ، ސާފުކޮށްގެން ނޫނީ އަލުން އެއިތުބާރު ހޯދޭނެ ކަމަކަށް،" މުސްތޮފާ ވިދާޅުވި އެވެ.

ސިފައިންނާއި ފުލުހުން ފެބުރުއަރީ ހައެއް ހަތެއްގައި ނުކުތީ ގައުމާ ރައްޔިތުންގެ ދިފާއުގައި ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަންވާން ބޭނުންނުވާތީ އަމިއްލަ ޒަމީރު އެގޮތަށް ގޮވާލުމުން ކަމުގައި ވުމަކީ ވެސް ހަމައެކަށީގެންވާ ކަމެކެވެ. ނަމަވެސް އެ ދެ ދުވަހުގެ ބޮޑު ހާދިސާއަށް ފަހު ސަލާމަތީ ބާރުތަކުގެ ބޮލުގައި އެޅިފައިވާ ހުތުރު ނަމުން ސަލާމަތްވުމަށް ކުރެވޭނެ ކަމަކީ ކޮބައިތޯ ސުވާލު އުފެދެ އެވެ.

ހިނގައިދިޔަ ހުރިހާ ކަމެއްގެ ތަހުގީގެއް ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެމްޑީޕީން ވެސް ދަނީ އަދި ރައީސް ނަޝީދު ވެސް ވިދާޅުވެފައި ވަނީ ތަހުގީގަކަށް ބޭނުންވާ ކަމަށެވެ. ބައިނަލް އަގުވާމީ ފަރާތްތައް ވަނީ މިހާރު ވެސް އެ ތަހުގީގުތައް ފަށައިފަ އެވެ. ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލް ވެސް ވަނީ ހިނގައިދިޔަ ކަންކަން ބަލައި ތަހުގީގު ކުރަން ޖެހޭ ކަމެއްވާ ނަމަ އެކަންކަން ބެލުމަށް ބާރު ލިބޭ ފަދަ ބަޔާނެއް ނެރުއްވާފަ އެވެ. އެހެން ކަމުން އެފަދަ މިނިވަން ތަހުގީގުތަކަށް ފަހު ފުލުހުންނާއި ސިފައިންގެ މައްޗަށް ކުރާ ތުހުމަތުތަކުގައި ކަމެއް ވިޔަސް ނުވިޔަސް މިހާރު އުފެދިފައިވާ ކިލަނބުކަން ރައީސް ނަޝީދު ވިދާޅުވާހެން "އަދި މާ ސާފު ސާދާ ގޮތެއްގައި ފެންނާނެ" އެވެ. އެކަމަކު މިހާރު ގޮވޭ ގޮވެލި ފަތި އަންބާއެއްގެ ސިފައިގައި ރާއްޖޭގެ ސިޔާސީ، ގައުމީ ހަޔާތުގައި އޮންނާނެ އެވެ.