28 Jul 2021, 13:32
ފްރާންސްގެ ރޮބޮޓިކް އިންޖިނިއަރެއް ކަމުގައިވާ ޖޯން ލުއި މިވަނީ އޭނާގެ ފިރިހެން ދަރިފުޅަށް ހާއްސަ ހަދިޔާއެއް ތައްޔާރުކޮށްފައެވެ. ފުރޮޅުލީ ގޮނޑި ބޭނުންކުރާ އޭނާގެ ސޯޅަ އަހަރުގެ ދަރިފުޅު އޮސްކާ ކޮންސްޓަންޒާ އަށް ބައްޕަ ތައްޔާރުކޮށްދިނީ ރޮބޮޓިކް އެކްސޯސްކެލެޓަން އެކެވެ.
މި ރޮބޮޓަކީ އޮސްކާ ފަދައިން އަމިއްލަ ބާރުގައި ހިނގުމުގެ ގާބިލްކަން ނެތް ފަރާތްތަކަށް އެކަނި އެހެން މީހެއްގެ އެހީއާއި ނުލާ ހިނގުމަށް އެހީވެދޭ އެއްޗެކެވެ.
މިއީ މުޅިން އަލަށް ތައާރަފްކުރެވުނު މިފަދަ ރޮބަޓަށް ވާއިރު، މިއީ ޖޯން ވެސް ބައިވެރިވެގެން އުފެއްދި ހާޢްސަ ކުންފުންޏަކުން ތައްޔާރުކުރާ ރޮބަޓެކެވެ.
ރޮބަޓް ބޭނުންކުރުމަށްޓަކައި ހާއްސަ ކަމަރުތަކެއް އަޅާ ބާރުކުރުމަށްފަހު ބުނެލަން ޖެހެނީ "ރޮބަޓް، ސްޓޭންޑް އަޕް" ނުވަތަ ރޮބަޓް ތެދުވާށޭ އެވެ. އެއަށްފަހު ދެތިން ގަޑިއިރު ވާންދެން ކޮޅަށް ހުރެވެއެވެ.
ޖޯން ބުނެފައިވާ ގޮތުގައި މި ރޮބަޓް އުފެއްދުމުގެ ހިޔާލު ދީފައިވަނީވެސް އޭނާގެ ދަރިފުޅެވެ. އަމިއްލަ ފަރާތްތަކަށް ގަނެވޭހެން އަދި ބާޒާރުގައި މި ރޮބަޓް ލިބެން ނެތަސް، ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކުގައި މިހާރުދަނީ މި ރޮބަޓް ބޭނުންކުރެވެމުންނެވެ.
މި ހަދިޔާއާއެކު އޮސްކާ ހުރީ ވަރަށް އުފަލުންނެވެ. އޭނާ ބުނެފައިވާ ގޮތުން ކުރީން މުޅިންހެން އެހެން މީހުންގެ އެހީތެރިކަމާއިއެކު ކޮޅަށް ތެދުވެވުނު ނަމަވެސް މި އެކްސޯސްކެލެޓަންއާއިއެކު އަމިއްލައަށް ތެދުވެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
މިވަގުތު މި ރޮބަޓްގެ އަގު ހުރީ ގާތްގަނޑަކަށް 150،000 ޔޫރޯސްގައެވެ. މި ކުންފުނިން ބުނާގޮތުގައި އަމިއްލަ ބޭނުމަށް ތައްޔާރުކުރާ މިފަދަ އެކްސޯސްކެލެޓަންތައް ހުންނަންވާނީ މިއަށްވުރެ ލުއިކޮށެވެ.