ކޮވިޑް-19 އާ ގުޅިގެން ގއ. ވިލިނގިލީ މޮނިޓަރިން ހާލަތުގައި އޮތް އޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުވާލައިފިއެވެ.

ވިލިނގިލީ ކައުންސިލުގެ ރައީސް ވިޝާލް މުހައްމަދު "ސަން" އަށް ވިދާޅުވީ އެޗްޕީއޭއިން އެ ރަށް މޮނިޓަރިން އަށް ލާފައިވަނީ ރަށުު ތެރެއިން ނެގި ރޭންޑަމް ސާމްޕަލްތަކެއް ކޮވިޑަށް ޕޮޒިޓިވް ވުމުންކަމަށެވެ.

"އެންމެ ފަހުން ނެގި ރޭންޑަމް ސާމްޕަލް ތަކުގެ ތެރެއިން ހުރިހާ ސާމްޕަލެއްވެސް ނެގެޓިވް ވުމާއެކެ އިތުރަށް މި ރަށް މޮނިޓަރިންގައި ބާއްވަން ޖެހޭ ސަބަބެއް ނެތުމުން މޮނިޓަރިން އުވާލީ،" ވިޝާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ރަށުގެ ހާލަތު ރަނގަޅުކަމަށެވެ. އަދި ކޮވިޑް ފެތުރުން ހުއްޓުމަށްޓަކައި އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް ކޮންޓްރޯލްކުރުމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ފާހަގަކޮށް ކައުންސިލުގެ ރައީސް ވިޝާލް ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ހާލަތު މެނޭޖުކުރުމުގައި ރަށުގެ ޓާސްކު ފޯސްގެ ފަރާތުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް ޓާސްކުފޯސްގެ މެމްބަރުންނަށްވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިވަގުތު އެ ރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ ޖުމްލަ 22 ކޭހެވެ.