20 Feb 2012, 10:14
ކުރީގެ އެޓޯލްސް މިނިސްޓްރީން ގަތް ބަނދަރު ބައްތިތަކުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ނުކުރެވޭނެކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ނާޒިމްގެ މައްޗަށް މި މައްސަލައިގައި ދައުވާ ކުރީ 220 ބަނދަރު ބައްތިތައް ގަތުމަށް ކުރީގެ އެޓޯލްސް މިނިސްޓްރީން އިއުލާން ކުރުމުން ބައެއް ކުންފުނިތަކަށް ނޭގި އެކުންފުނިތަކުގެ ނަމުގައި ނާޒިމްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ ދަށުން ހިންގާ ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުން ބޭނުންކޮށްގެން ބިޑު ހުށަހަޅާފައިވާ ކަމަށް ބުނެ އެވެ.
މި މައްސަލައިގެ ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ސައީދު އިބުރާހިމް ވިދާޅުވީ މީހަކު ކަމެއްކުރަން ބުނުމަކީ އެމީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ބިޑު ހެދުމަށް ނާޒިމް ނަމީރާގެ މުވައްޒަފުންނަށް އެންގިނަމަވެސް އެއީ ނުބައިކޮށް ހެދުމަށް ބުނިބުނުމަކަށް ނުވާނެކަމަށް މައްސަލަ ދިރާސާ ކުރުމުން ޝަރީއަތަށް ފާހަގަކުރެވޭކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކި ދިރާސާކުރުމުން އެމީހުންނަކީ އަމަލީގޮތުން އެކަމުގައި ސީދާކޮށް ބައިވެރިވި ބައެއްކަން އެނގޭ ކަމަށާއި އެހެންކަމުން ދައުލަތުން ހުށަހެޅި ހެކިން ބަލައި ނުގަތީ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ބަނދަރު ބައްތިތައް ގަތުމުގައި ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކާއި، ބިޑުޑޮކިއުމެންޓް ތައްޔާރުކުރި ފަރާތްތައް ވަރަށް ސާފްކޮށް އެނގޭއިރު އެމީހުންގެ މައްޗަށާއި ކުންފުނީގެ މައްޗަށް ދައުވާ ނުކޮށް ބިޑު ޑޮކިއުމެންޓް ހުށަހަޅަން އެންގި ފަރާތުގެ މައްޗަށް ދައުވާކޮށްފައިވާކަން ފާހަގަ ކުރެވޭ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
މި މައްސަލައިގެ އިތުރުން ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ އެހެން ދައުވާއެއް ވެސް ދައުލަތުން ނާޒިމްގެ މައްޗަށް ކުރެއެވެ.