27 Jul 2021, 21:07
އެވިޑް ކޮލެޖުން އައްޑޫ ފްލައިން ސްކޫލާ ހަވާލުވުމާއެކު ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެ ސްކޫލުގެ މަސައްކަތުގެ ދުވެލި އެތައް ގުނައެއް ކުރިޔަށް ޖެހިލައިފިއެވެ.
އެވިޑް ކޮލެޖުން ބުނީ އެ ކޮލެޖާއި ޓްރިޕަލް އޭ އާއި ދެމެދު ސޭލްސް ޕާޗޭސް އެގްރިމެންޓްގައި ސޮއިކުރިފަހުން މިވޭތުވެދިޔަ ކުޑަ ދުވަސްކޮޅުގެތެރޭގައި އައްޑޫގައި ހިންގަމުންދާ ފްލައިން ސްކޫލްގެ ހަރަކާތްތައް އަލުން ފެށިގެން ވަރަށް ހަލުވި ދުވެލީގައި ކުރިއަށް ގެންދާ ކަމަށެވެ.
މީގެ އިތުރުން ފްލައިން ސްކޫލްގައި މިހާރު ކިޔަވަމުންގެންދާ ދަރިވަރުންނަށް ހިންގާ ސިމިއުލޭޓަރ ޓްރެއިނިންތައް ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު މިއަދު އަލުން އެ ޓްރެއިނިން ވެސް ވަނީ ފަށާފައެވެ.

އައްޑޫ ފްލައިން ސްކޫލްގައި މިހާރު ކިޔަވަމުންގެންދާ ދަރިވަރުންނަށް ހިންގާ ސިމިއުލޭޓަރ ޓްރެއިނިންތައް --- ފޮޓޯ: އެވިޑް ކޮލެޖު
ހަމައެއާއެކު އެ ކޮލެޖުން ބުނީ މިދިޔަ ގްރައުންޑް ކްލާސްތަކުގެ ތިއަރީބައި ފުރިހަމަކުރަންޖެހިފައިވާ ދަރިވަރުންނަށް ތެރޭ ބޭނުންވާ ކްލާސްތައް މިދިޔަ ހަފުތާގެ ފެށިގެން ކުރިއަށްގެންދާކަމަށެވެ.
މިކްލާސްތައް ނިމުމުން އެގްޒާމްތަކުގެ ޝެޑިއުލް ތައްޔާރުކުރުމަށްފަހު ސިވިލް އޭވިއޭޝަނާއި ހިއްސާކޮށް އެބޭފުޅުންގެ އިރުޝާދާއެކު ވީ އެންމެ އަވަހަކަށް އެގްޒާރމްގެ ކަންކަން ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާކަމަށް އެވިޑް ކޮލެޖުން ބުންޏެވެ.
މީގެ އިތުރުން އަންނަ މަހުގެ ކުރީކޮޅު ފްލައިޓްގެ ބައިތައް ޑިސްމެންޓްލްކޮށް ވަކި ވަކިން ކޮންޓެއިނައަށް ލޯޑްކުރުމަށްފަހު 45 ވަރަކަށް ދުވަހުގެ ތެރޭގައި މާލެ ގެނެވޭވަރުވާނެކަމަށެވެ.
އެވިޑް ސްކޫލް އޮފް އޭވިއޭޝަންގެ ކަންކަން ހިނގާގޮތް ބައްލަވާލެއްވުމަށްޓަކައި އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާޤް ރަޝާދު ވަނީ އައްޑުގައި ހުންނަ ފްލައިން ސްކޫލަށް ޒިޔާރަތްކުރުމަށްޓަކައި އިއްޔެ އައްޑޫ ސިޓީއަށް ފުރާވަޑައިގެންފައެވެ.