27 Jul 2021, 20:08
މުޖުމަތައުގައި އޮތް ހަރުކަށި ފިކުރުގެ މައްސަލަތައް ހައްލުކުރަން އިތުރު ގާނޫނެއް ބޭނުންނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް "ސަން" އަށް ވިދާޅުވީ ހަރުކަށި ފިކުރު ރާއްޖޭގައި އޮތްކަމަށް ގަބޫލްކުރައްވާކަމަށެވެ. އަދި އެކަން ހުއްޓުވުމަކީ ކުރަން ޖެހޭ ކަމެއްކަމަށެވެ.
"މިކަން ކުރުމަކީ އިތުރު ގާނޫނުތަކެއް ހަދައިގެން ކުރެވޭނެކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މިހާރުވެސް އެބަހުރި ވަރަށް ފުރިހަމަ ގާނޫނުތަކެއް،" ޝިޔާމް ވިދާޅުވިއެވެ.
އެގޮތުން މިހާރުވެސް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާއި ފުލުހުންނާއި ސިފައިންގެ ގާނޫނާއި ތޫނު ހަތިޔާރު ބޭނުންކުރުމުގެ ގާނޫނު ފަދަ ގާނޫނުތައް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ގާނޫނުތަކުގެ ބޭނުން ރަނގަޅުގޮތުގައި ހިފޭނަމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ރަނގަޅަށް [ހަރުކަށި ފިކުރުގެ މައްސަލައަށް] އެޑްރެސް ކުރެވިގެންދާނެ،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ އެކި ލީޑަރުން މި ގާނޫނުތައް ތަންފީޒުކުރުމުގައި ކަންކުރައްވަނީ އެކި ގޮތަށް ކަމަށެވެ. އަދި މި މައްސަލައަކީ ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ބަލަންޖެހޭ މައްސަލައެއްކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީން ގެ ވެރިކަމުގައި ހެދުނު ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަކީ ގާނޫނީ ގޮތުން ހަރުކަށި ފިކުރު ހުއްޓުވަން މިހާތަނަށް ކުރެވިފައި އޮތް އެންމެ ބޮޑު މަސައްކަތް،" އޭނާ ވިދާޅުވިއެވެ.
އަދި މި ގާނޫނާއެކު އުފެއްދި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުންވެސް އެކަން ހުއްޓުވުމަށް މީހުން ތަމްރީނުކުރެވި ވަސީލަތްތައް ވަރަށް ފުރިހަމައަށް ފޯރުކޮށްދީފައިވާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހަރުކަށި ފިކުރު ހުއްޓުވަން ބޭނުންނަމަ އިތުރު ގާނޫނުތައް ހެދުމުގެ ބަދަލުގައި ގާނޫނުތައް ތަންފީޒުކުރަން އިސްކަން ދޭންޖެހޭކަމަށެވެ.
ރައްޔިތުންގެ މަޖިލީސް ހުޅުވުމާއެކު ދެން އެންމެ އިސްކަމެއް ދީގެން ކުރާނެ ކަމަކީ ހަރުކަށި ފިކުރުގެ މައްސަލައާ ގުޅޭ މަސައްކަތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅޭ މަސައްކަތް ފެށުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެެއް ބޭއްވުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.