ގަވާއިދުން ހަމަ މުސާރަ ނުލިބޭތީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މުވައްޒަފުން ކަންބޮޑުވުންފާޅުކޮށްފިއެވެ.

ޕީއެސްއެމްއިން މުވައްޒަފުންނަށް ފޮނުވި މެއިލްއެއްގައި ވަނީ އެ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން މުވައްޒަފުންނަށް މުސާރަ ދިނުމުގައި ދަތިތަކާ ކުރިމަތިވެފައިވާކަމަށެވެ.

"މި ސަބަބުތަކާ ހުރެ މުވައްޒަފުންނަށް ހައްގުވާ ޓެކްނިކަލް ކޯ އެލަވަންސާއި، ސަޕޯޓް ކޯ އެލަވަންސަށް ލިބެންޖެހޭ ފައިސާ މި މަހުގެ މުސާރައިން ވަގުތީ ގޮތުން ވާނީ އުނިކުރެވިފައި،" ޕީއެސްއެމްއިން ފޮނުވި މެއިލުގައިވެއެވެ.

ނަމަވެސް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން މި އެލަވަންސްތައް މުވައްޒަފުންނަށް ލިބިގެންދާނެކަމަށް އެ މެމޯގައިވެއެވެ.

މިދިޔަ މަހުގެ މުސާރައާއެކު ވެސް މި އެލަވަންސްތައް މުވައްޒަފުންނަށް ދީފައިނުވެއެވެ. އެގޮތުން މޭ މަހުގެ 28 ވަނަ ދުވަހު ފޮނުވި މެއިލުގައި ބުނެފައިވަނީ އެފަހަރު އެލަވަސްތައް މުސާރައާ އެކު ނުދިނީ ޕޭރޯލް ސިސްޓަމުގައި މައްސަލައެއް ޖެހިގެން ކަމަށެވެ. ނަމަވެސް ޖެހުނު މައްސަލައެއް ބުނެފައެއްނުވެއެވެ.

ޕީއެސްއެމްގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މިކަމާ ގުޅިގެން މުއައްޒަފުން ޝަކުވާކުރަމުން އަންނައިރު، އަދިވެސް މިކަމަށް ހައްލެއް ލިބިފައިނުވާކަމަށެވެ.

"މިއީ މިދިޔަ މަހުވެސް ކުރި ކަމެއް. މުސާރަ ދެވޭނެ ފައިސާ ނެތް އިރު އެކި ނަންނަމުގައި އެލަވަންސް ދޭނަމޭ ބުނުމުގެ ބޭނުމެއް ކޮބައިތޯ. މުސާރަ ޖަމާކުރަންޖެހޭ ދުވަހު ފުލް މުސާރަ ދެވޭ ވަރަށް ފައިސާ ނެތޭ ބުނުމަކީ ކަމުދާ ގޮތެއްނޫން،" ޕީއެސްއެމްގެ އޮފިޝަލް ވިދާޅުވިއެވެ.

"މުވައްޒަފުން އެ މީހުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖައްސަނީ ދިނުމަށް އެއްބަސްވެފައިވާ މުސާރަ އަށް ބިނާކޮށް. އެކަމަކު އެހެން އޮއްވާ މުސާރަދޭއިރު ފުލް މުސާރަ ނުދޭނަމަ ދެން ކިހިނެތްތޯ ދިރިއުޅުމުގެ ހަރަދުތައް ދެކޮޅު ޖައްސާނީ،"

ހަމައެއާއެކު އެ ކުންފުނީގެ އާ އޮނިގަނޑުގެ ދަށުން ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކޮށް ހަރަދު ކުރާ މިންވަރު ދަށްކުރުމަށް ފިނޭންސް މިނިސްޓްރީއިން ވަނީ އަންގާފައެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް މުވައްޒަފުން މަދުކޮށް ހިންގުމުގެ އޮނިގަނޑު އަދިވެސް ބަދަލުކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވީ "ސަން"އަށް މައުލޫމާތުދޭން ބޭނުންނުވާ ކަމަށެވެ.

ޕީއެސްއެމްގެ މާލީ ހާލަތު ދަށްވެ، އެ ކުންފުނީގެ ޕީއެސްއެމް ނިއުސް ވެބްސައިޓްގެ ވެބް އޮޕަރޭޓަރަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފަައިސާ ނުދައްކާ ހުރުމުން މިދިޔަ ހޮނިހިރު ދުވަހު އެ ކުންފުނީގެ ވެބްސައިޓްވެސް ވަނީ ޑައުންކޮށްފައެވެ.

ނަމަވެސް މިހާރު ވަނީ އެ ފައިސާ ދައްކާފައެވެ.

ޕީއެސްއެމްއަކީ ކޮންމެ އަހަރަކުވެސް ދައުލަތުގެ ބެޖެޓުން 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ ދައުލަތުގެ ކުންފުންޏެކެވެ. އަދި ސްޕޮންސަރުންގެ ތެރެއިންވެސް ގިނަ އަދަދެއްގެ ފައިސާ އެ ކުންފުންޏަށް އަންނަނީ ހޯދަމުންނެވެ.