ޕޯޓް އޯ ޕްރިންސް (ޖުލައި 27): ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލި ހަމަލާގެ ތަހުގީގަށް ރައީސްގެ ސެކިއުރިޓީ ޓީމްގެ ވެރިޔާ ހައްޔަރުކޮށްފިއެވެ.

ހެއިޓީގެ ރައީސްގެ ސެކިއުރިޓީ ޓީމްގައި އިސްކޮށް ހުންނެވި ޖޯން ލަގުއެލް ސިވިލް ހައްޔަރު ކުރީީ މޮއިސް އަވަހާރަކޮށްލަން ދިން ހަމަލާގައި އޭނާގެ ބައިވެރިވުމެއް އޮތް ކަމުގެ ތުހުމަތުގައެވެ.

މިމަހުގެ ހަތެއްގައި މޮއިސް އަވަހާރަކޮށްލީ ހަތިޔާރާ އެކު އޭނާގެ އަމިއްލަ ގެކޮޅަށް ވަތް ބަޔެކެވެ. އަދި އެ މީހުން ގެކޮޅަށް ވަތް ނަމަވެސް ރައީސްގެ ގާޑުންނާ ހަމަލާ ބަދަލުކޮށްފައި ނުވެއެވެ.

"ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގަށް މިއަދު ޖޯން ލަގުއެލް ސިވިލް ވަނީ ހައްޔަރުކޮށްފަ،" ފުލުހުންގެ ތަރުޖަމާނު މަރީ މިޝެލް ވެރިއާ ވިދާޅުވިއެވެ.

މީގެ އިތުރުން މޮއިސްގެ ސެކިއުރިޓީގައި ހިމެނޭ ހަތަރު ފުލުހަކު ގައުމުން ފުރައިގެން ދިޔުން ވަނީ މަނާކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރަކު ހައްޔަރު ކުރަން ވަނީ އަމުރެއް ނެރެފަ އެވެ.

އެ މައްސަލައިގައި ސިވިލްގެ މައްޗަށް ދައުވާކޮށްފައިވާކަން އަދި ޔަގީން ނުވާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓު ކުރި އެވެ.

މޮއިސްއަށް ދިން ހަމަލާއާ ގުޅިގެން ހެއިޓީގެ ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު މިހާރު ވަނީ 12އަށް ވުރެ އިތުރުވެފައެވެ.

ހެއިޓީގެ ފުލުހުން ބުނި ގޮތުގައި މޮއިސް އަވަހާރަކޮށްލި ހަމަލާގައި ބައިވެރިވީ 28 މީހެކެވެ. އެއީ ކޮލޮމްބިއާގެ 26 މީހަކާއި ހެއިޓީ އާއި އެމެރިކާގެ ރަށްވެހިކަން އޮތް ދެ މީހެކެވެ. ނަމަވެސް އެ ހަމަލާ ދިން ސަބަބަކާއި އެ ހަމަލާގެ މޭސްތިރިއަކީ ކޮބައިކަން އަދި ކަށަވަރުވެފައި ނުވެއެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ހެއިޓީގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި މޮއިސްއާ ދެކޮޅަށް ކޮރަޕްޝަނުގެ ތުހުމަތުކޮށްފައިވެ އެވެ. އަދި 2018 އިން ފެށިގެން އޭނާއާ ދެކޮޅަށް އެކި ފަހަރު މަތިން ބޮޑެތި މުޒާހަރާތައް ބާއްވާފައިވެ އެވެ.