27 Jul 2021, 14:36
ކިންގް ސަލްމާން މިސްކިތް ބިނާ ކޮށްފައިވަނީ ނަކަލު ކޮށްފައިވާ ޑިޒައިންއެއްގެ މައްޗަށްކަމަށް ބުނެ ދައުލަތާއި ދެކޮޅަށް ދައުވާ ކުރަން ނިންމާފައިވާކަމުގެ ނޯޓިސް ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޑރ. ޒާހިރު "ސަން" އަށް ވިދާޅުވީ ޑިޒައިން ނަކަލު ކުރިކަމަށް ބުނާ މައްސަލައިގައި ދައުވާ ކުރާނެ ކަމަށް ބުނެ މިނިސްޓަރަށް އެޑްރެސްކޮށް މެލޭޝިޔާގެ ކުންފުންޏެއް ކަމަށްވާ އެންއާރްވައި އިން ސިޓީއެއް ފޮނުވައިފައިވާ ކަމަށެވެ.
މިނިސްޓަރަށް ވިދާޅުވީ އެކަމާ ގުޅޭ ހެކިތައް އެބޭފުޅުން އަތުގައި އެބަހުރި ކަމަށާއި އަދި އޭގެ ތެރެއިން ދައުލަތާއެކު ބޭއްވި ބައެއް ބައްދަލުވުންތަކުގެ ފޮޓޯވެސް އެބޭފުޅުން އަތުގައި އެބަހުރި ކަމަށެވެ.
"އެބޭފުޅުން އަތުގައި އެބަހުރި އެ ހުރިހާ ލިޔެކިޔުންތަކާއި ހެކިތަކެއްވެސް. އޭގަ ބައިވެރި ބޭފުޅުންގެ ފޮޓޯތައްވެސް މިސިޓީގައި އެބަހުރި" މިނިސްޓަރު ވިދާޅުވިއެވެ.
ކިންގް ސަލްމާން މިސްކިތް އިމާރާތްކޮށްފައިވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާއި ހަވާލުކޮށްގެންނެވެ. އެހެންނަމަވެސް އަދި އެ މިސްކިތް ރަސްމީކޮށް ހުޅުވާނެ ތާރީހެއް ސަރުކާރުން އިއުލާންކޮށްފައެއް ނުވެއެވެ.
މި މައްސަލަޔާ ގުޅޭ ހެކިތައް އެންއާރްވައި އަތުގައި ހުރިކަމަށް އެކުންފުނިން ބުނާއިރު އެ ކުންފުނީގެވެބްސައިޓްގައިއެ ކުންފުނިން ތައްޔާރުކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގެ ޕޯޓްފޯލިއޯއެއް ޝާއިއުކޮށްފައިވެއެވެ. އެ ޕޯޓްފޯލިއޯއިން ފެންނަ ގޮތުގައި އެ ޑިޒައިންގައި ވަނީ ހަތް ބުރިޔަށް މިސްކިތް ހެދުމަށެވެ. ނަމަވެސް ސަލްމާން މިސްކިތް ހަދާފައިވަނީ ފަސް ބުރިޔަށެވެ. މީގެ އިތުރުންވެސް މިސްކިތުގެ ބޭރުގެ ބައެއް ފަރުމާތަކުގައި ތަފާތުތަކެއް ހުންނަތަން ފެނެއެވެ.
އެންއާރްވައި އިން އަދި މައްސަލަ ހުށަހަޅައިފާއިވާ ނުވާކަމުގައި މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވިއެވެ. މިނިސްޓަރު ވަނީ އެ މައްސަލައާ ގުޅިގެން ދެއްވި ޓީވީ އިންޓަވިއުއެއްގައި އެޓާނީ ޖެނެރަލްގެ ލަފަޔަކަށް އެ މައްސަލައިގައި އެދިފައިވާނެ ކަމަށް ވިދާޅުވެފައެވެ.
ނިމިދިޔަ ރޯދަމަހަށް ކިންގް ސަލްމާން މިސްކިތް ހުޅުވަން ނިންމާފައި ވީ ނަމަވެސް އަދި މިސްކިތް ހުޅުވާފައެއް ނުވެއެވެ. މިނިސްޓަރު ޒާހިރު ވަނީ މީގެ ކުރިން މިސްކިތް ހުޅުވުން ލަސްވެފައިވަނީ މިސްކިތް ހުޅުވުމަށް ސައުދީ އަރަބިިއްޔާގެ ބައެއް ބޭފުޅުން ރާއްޖެ ވަޑައިގަތުމަށް ބޭނުންވާތީ ކަމަށް ވިދާޅުވެފައެވެ.
ސަލްމާން މިސްކިތް އެޅުމަށް ހަރަދުކޮށްފައިވަނީ 25 މިލިއަން ޑޮލަރެވެ. މި ޕްރޮޖެކްޓަށް ސައުދީ އިން ދިނީ 14.5 މިލިއަން ޑޮލަރެވެ. އަދި ބާކީ ބައި ހަރަދުކުރީ ސަރުކާރުންނެވެ.
އެ މިސްކިތުގެ ފުރަތަމަ ދެ ފްލޯގައި 4,000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. ތިން ވަަނަ ފްލޯގައި ހަތަރު ކްލާސްރޫމާއި ފަސް ސެމިނާ ރޫމް ހުރެ އެވެ. އަދި ހަތަރުވަނަ ފްލޯގައި ލައިބްރަރީއެއް އަދި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހުރެ އެވެ. އޭގެ އިތުރުން، ފަސްވަނަ ފްލޯގައި 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއް ހުރެ އެވެ.