20 Feb 2012, 09:20
ވިއެނާ (ފެބްރުއަރީ 20) : ބެލަސްޓިކް މިސައިލްގައި ހަރުކުރާ ބާވަތުގެ ނިއުކްލިޔަރ ވޯހެޑްތަކެއް އުފެއްދުމަށް އީރާނުން އަވަސް ފިޔަވަޅުތަކެއް އަޅަމުން ގެންދާކަމަށާއި މަދު މަސްތަކެއްގެ ތެރޭގައި އީރާނުން ނިއުކްލިޔަރ ވޯހެޑްތަކެއް އުފައްދާނެ ކަމަށް ހުޅަނގުގެ ޑިޕްލޮމޭޓުން ބުނެފިއެވެ.
ނަންހާމަކުރަންނޭދޭ ހުޅަނގުގެ ބައެއް ޑިޕްލޮމޭޓުންނާ ޙަވާލާދީ އެސޯސިއޭޓެޑް ޕްރެސް ބުނިގޮތުގައި ނިއުކްލިޔަރ ވޯހެޑް އުފެއްދުމަށް ބޭނުންވާ މިންވަރަށް ޔޫރޭނިޔަމް ފައްކާކޮށް ޕްލޮޓޯނިޔަމް އުފެއްދުމުގެ މަސައްކަތް ފަރުބަދަތަކެއްގެ އަޑީގައިވާ ނިއުކްލިޔަރ ލެބޯޓްރީއެއްގައި (ފޯޑޯ ލެބޯޓްރީ) އީރާނުގެ ނިއުކްލިޔަރ ސައެންޓިސްޓުންނާއި އިންޖިނޭރުން މެކުހަށް ޖަހައިގެން ރެއާދުވާލު ކުރަމުންދާކަމަށް ބެލެވޭކަމުގައެވެ.
އީރާނުން ދާދިފަހުންވަނީ ޔޫރޭނިޔަމް ފައްކާކުރުމަށް އެޤައުމުން މިހާރު ބޭނުންކުރާ ސެންޓްރިފިއުޖް މެޝިންތަކަށްވުރެ ބާރުގަދަ އަދި އެތަށްގުނައެއްގެ އަވަސްމިނުގައި ޔޫރޭނިޔަމް ފައްކާކުރުމުގެ ޤާބިލްކަން ލިބިގެންވާ މެޝިންތަކެއް އީޖާދުކޮށް އޭގެ 3 ހާސް މެޝިން ޚިދްމަތަށް ނެރުނުކަން އިޢްލާންކޮށްފައެވެ.
ހުޅަނގުގެ ޑިޕްލޮމޭޓުންވަނީ މީގެތެރެއިން ގިނަމެޝިންތައް އީރާނުން ހަރުކުރީ ފަރުބަދަތަކުގެ އަޑީގައިވާ ފޯރޑޯ ލެބޯޓްރީގައި ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އީރާނުންބުނީ ސޮފިސްޓިކޭޓެޑް މިމެޝިންތައް ހަރުކުރީ ކެންސަރަށް ފަރުވާދިނުމަށް ބޭނުންވާ ނިއުކްލިޔަރ އައިސޮޓޮޕްސް އުފެއްދުމަށްޓަކައި ތެހެރާންގައިވާ ނިއުކްލިޔަރ މެޑިކަލް ލެބޯޓްރީއެއްގައި ކަމުގައެވެ.
ސިލްސިލާ ފަރުބަދަތަކެއްގެ އަޑީގައި އީރާނުން ބިނާކުރި ފޯރޑޯ ނިއުކްލިޔަރ ލެބޯޓްރީ ހުރިކަން އީރާނުން އިންޓަރނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީ އަށް ރިޕޯޓްކޮށްފައިވަނީ 2009 ވަނައަހަރުއެވެ. އޭގެކުރިން ހުޅަނގުގެ ޖާސޫސީ އިދާރާތަކުންވަނީ އެސަރަޙައްދުގައި އީރާނުން ސިއްރު ނިއުކްލިޔަރ ލެބޯޓްރީއެއް ބިނާކޮށްފައިވާ ކަމަށް ޝައްކުކޮށް ވާހަކަ ދައްކާފައިވެއެވެ.
ހުޅަނގުގެ މަސްއޫލުވެރިން ލަފަކުރާގޮތުގައި ނިއުކްލިޔަރ ވޯހެޑް އުފެއްދުން އަވަސްކުރުމުގައި އީރާނުގެ ބޭނުމަކީ އެމެރިކާ ނޫނީ އިސްރާއީލުން އެޤައުމަށް ދީފާނެ ޙަމަލާއަކުން ދިފާޢުވުމަށް ބޭނުންވާ ނިއުކްލިޔަ ޑިޓަރެންޓެއް (ނިއުކްލިޔަ އައްޑަނައެއް) އަވަހަށް ބިނާކުރުމެވެ.
އީރާނަކީ ދުރުރާސްތާގެ ބެލަސްޓިކް މިސައިލް އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ އަދި ގިނަޢަދަދަކަށް މިބާވަތުގެ މިސައިލްހުރި ޤައުމަކަށްވާތީ މިފަދަ މިސައިލްތަކުގައި ހަރުކުރާނެ ނިއުކްލިޔަރ ވޯހެޑް އުފެއްދިއްޖެނަމަ އީރާނާތޮޅެން އެއްވެސް ޤައުމަކަށް ނުކެރޭވަރުގެ ނިއުކްލިޔަރ ޑިޓަރެންޓެއް އީރާނަށް ބިނާކުރެވިދާނެ ކަމަށް ސްޓްރެޓީޖިކް ދިރާސާކުރާ ފަރާތްތަކުންވެސްވަނީ ބުނެފައެވެ -- އެސޯސިއޭޓެޑް ޕްރެސް