ބައިރޫތު (ޖުލައި 27): ލުބްނާނުގައި އައު ސަރުކާރެއް އެކުލަވާލުމުގެ ކަންތައް ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ނަޖީބު މީގާތީއާ ހަވާލުކުރުމަށް ރައީސް މިޝައިލް ޢަވްން ނިންމެވި ނިންމެވުމަށް އެގައުމުގެ ޕާލަމެންޓުން ރުހުން ދީފިއެވެ.

އުމުރުން 65 އަހަރުގެ މީގާތީއަށް ލުބްނާނުގެ ޕާލަމެންޓްގެ ރުހުން ލިބުނީ 128 މެންބަރުން ހިމެނޭ އެ ޕާލަމެންޓުގެ 72 މެންބަރުން ތާއީދާއެކުގައެވެ. މިގާތީއާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައިނުވާއިރު 25 މެންބަރުން ވަކިކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.

ޕާލަމެންޓްގެ ރުހުން ލިބުމާއެކު ލުބްނާނުގައި އާ ސަރުކާރެއް އެކުލަވާލުމުގެ ކަންތައް މިގާތީ ވަނީ ފައްޓަވާފައެވެ.

ސުންނީ މުސްލިމެއް ކަމަށްވާ މީގާތީއަކީ ލުބްނާނުގެ އެންމެ މުއްސަނދި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ މަލްޓި ބިލިޔަނަރެކެވެ. ލުބްނާނުގެ ބޮޑުވަޒީރުގެ މަގާމަށް މީގާތީ ރަސްމީގޮތުން އައްޔަންކޮށް ބޮޑުވަޒީރު ކަމުގެ ހުވާކުރައްވާނީ އޭނާ އެކުލަވާލާ ސަރުކާރަށް ރައީސް މިޝައިލް އަވްންގެ ރުހުމާއި ޕާލަމެންޓްގެ ރުހުން ލިބުމުންނެވެ.

ލުބްނާނުގައި އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް މީގާތީއާ ހަވާލުކޮށްފައި މިވަނީ ކުރީގެ ބޮޑުވަޒީރު ސާދު ހަރީރީ އާ ސަރުކާރެއް އެކުލަވާލުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބުވުމާއެކު އެކަމުން އޭނާ އިސްތިއުފާ ދެއްވިތާ 11 ދުވަސް ފަހުންނެވެ. ހަރީރީ ލުބްނާނުގައި އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް އަށް މަސް ވަންދެން ކުރެއްވި ނަމަވެސް އެކަމުގައި އޭނާ ވަނީ ނާކާމިޔާބުވެ ވަޑައިގެންފައެވެ. އެއީ ރައީސް މިޝައިލް އަވްނުގެ ރުހުން އޭނާގެ އެކުލަވާލެއްވި ސަރުކާރުގެ ބައެއް ވަޒީރުންނަށް ނުލިބުމުންނެވެ.

ލުބުނާނުގައި ސިޔާސީ ވާދަވެރިކަން ބޮޑުވެފައިވާތީއާއި ފްރާންސްއާއި އީރާނާއި ސައުދީ އަރަބިއްޔާއާއި އެމެރިކާ ފަދަ ބޭރުގެ ބައެއް ގައުމުތަކުން ލުބްނާނުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ފިއްތުންތައް ކުރިމަތިކުރާތީ އެގައުމުގައި އާ ސަރުކާރެއް އެކުލަވާލުން މިހާރުވަނީ ބޮޑު ގޮންޖެހުމަކަށް ވެފައެވެ.

އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތާ މީގާތީ ހަވާލުވެވަޑައިގެންފައިވަނީ ލުބްނާނުގައި ކޮރަޕްޝަން އިތުރުވެ އިގްތިސާދު އިނދަޖެހި ގައުމު ބަނގުރޫޓް ވެދާނެކަމުގެ ބިރު ހީވާ ހިސާބަށް ކަންތައް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.