20 Feb 2012, 09:12
ހިފާފައިވާ ޤުދްސު (ފެބްރުއަރީ 20) : އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މުސްތަޝާރު ޓޮމް ޑެނިލޯން އިސްރާއީލަށް ވަޑައިގެންފި އެވެ.
ވައިޓް ހައުސް އިންބުނިގޮތުގައި ޑެނިލޯން އިސްރާއީލަށް ވަޑައިގެންނެވީ އީރާނުގެ ނިއުކްލިޔަރ މައްސަލައާ އަދި ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކާބެހޭގޮތުން އިސްރާއީލުގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުމަށެވެ. ހިފާފައިވާ ޤުދްސަށް ވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނެއްގައި ޑެނިލޯން ވިދާޅުވީ އިސްރާއީލުގެ ޙިމާޔަތާއި ރައްކާތެރިކަމަށް އެމެރިކާ އަބަދުވެސް ޖާމިނުވާނެ ކަމުގައެވެ.
ޑެނިލޯން އިއްޔެވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އާއި ދިފާއީ ވަޒީރު އިހޫދް ބަރާކްއާ ބައްދަލުކުރައްވާފައެވެ. އަދި މިއަދު އޭނާ އިސްރާއީލުގެ ޖާސޫސީ އިދާރާގެ އިސްވެރިންގެ އިތުރުން އިސްރާއީލުގެ ރައީސް ޝަމްޢޫން ޕެރޭޒްއާވެސް ބައްދަލުކުރައްވާނެ ކަމަށް ޚަބަރުލިބެއެވެ. ޑެނިލޯން އިސްރާއީލަށް ވަޑައިގެން މިއުޅުއްވަނީ އީރާނަށް އިސްވެ ޙަމަލާދޭންޖެހިދާނެކަމަށްބުނެ މީގެ 10 ވަރަކަށް އަހަރުކުރިން ފެށިގެން އިސްރާއީލާއި އެމެރިކާ ދެމުންގެންދާ އިންޒާރުތަކުގެ އަޑުތައް ތަންކޮޅެއް ގަދަވެފައިވަނިކޮށެވެ.
ޑެނިލޯން އިސްރާއީލަށް ވަޑައިގެންނެވިއިރު އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އަންނަ މާރޗްމަހު އެމެރިކާއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. -- ރޮއިޓާސް