20 Feb 2012, 09:00
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު މި މަހުގެ ހަތްވަނަ ދުވަހު ވެއްޓުނު މައިގަނޑު ސަބަބަކީ ގާނޫނީ ޗާޓުން ބޭރުގައި ގިނަ ކަންތައްތަކެއް ތަކުރާރުކޮށް ކުރުން ކަމަށް ގާނޫނީ އަދި ސިޔާސީ ބޭފުޅުން ގަބޫލު ކުރެ އެވެ. ސަރުކާރު ވެއްޓުމަށް ފަހު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސުލް ޖުމުހުރިއްޔާކަމުގެ މަގާމައި ހަވާލުވެވަޑައިގަތްތާ 24 ގަޑިއިރު ނުވަނީސް އެމްޑީޕީންވަނީ މިހާރުގެ ސަރުކާރާއި ރައީސުލްޖުމުހުރިއްޔާގެ ގަބޫލު ނުކުރާނެ ކަމަށް ބުނެ އަވަސް އިންތިހާބެއް ބޭއްވުމުގެ ތާރީހެއް ދޭން އެދެން ފަށާފަ އެވެ.
އެމްޑީޕީގެ ސިލްސިލާ މުޒާހަރާތަކަށް ދިއުމުގެ ކުރިން ސަރުކާރުންވަނީ އެމްޑީޕީއަށް ވެސް ކެބިނެޓްގެ ގޮނޑިތަކެއް ދޭނެ ކަމަށް އިއުލާންކޮށް ޒައިތޫނި ފަތްކޯޅި ދިއްކޮށްފަ އެވެ. މަސްލަހަތު ހިމާޔަތްކޮށް ރާއްޖެ، ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށްޓަކައި މަގުޗާޓެއް އެކުލާވަލައި ހުރިހާ ޕާޓީތައް އެއްމޭޒޮއްގެ ދަށައް ގޮސް މަގުޗާޓުގައިވާ ގޮތަށް މަސައްކަތްކުރަން ގޮވާލާފަ އެވެ.
ވަހީދުގެ ސަރުކާރުން އެކުލަވާލާފައިވާ މަގުޗާޓުގައި އެންމެ ބޮޑަށް ބާރު އަޅާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމާއި ރިޔާސީ އިންތިހާބެއް ބާއްވާނެ ގޮތެއް ކަނޑައެޅުމަށް ހުރިހާ ސިޔާސީ ޕާޓީތައް މަޝްވަރާކޮށް ގާނޫނު އަސާސީ އަށް އިސްލާހުތަކެއް ގެނައުން ހިމެނެ އެވެ.
އާ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވި ގޮތުގައި އިންތިހާބެއް ބާއްވަން ސިޔާސީ ޕާޓީތަކުން އެއްބަސްވާނަމަ ގާނޫނޫ އަސާސީ އަށް އިސްލާހު ގެނެސް ހުރިހާ ސިޔާސީ ޕާޓީތަކަށް މަޝްވަރާ ކުރެވި އެއްބަސްވެވިއްޖެ ނަމަ ރޯޑުމެޕެއްގެ ދަށުން އެކަން ކުރިއަށް ގެންދަން ސަރުކާރު އޮތީ ތައްޔާރަށެވެ.
ގާނޫނު އަސާސީގައި މިހާރު ބުނެފައިވާ ގޮތުން އިންތިހާބެއް ބޭއްވޭނީ ރައީސުލްޖުމުހުރިއްޔާ އާއި ރައީސުލްޖުމުހޫރިއްޔާގެ ނައިބުގެ މަގާމު އެއްފަހާރަ ހުސްވެގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް "ޑިފެކްޓޯކޮށް" ދައުލަތުގެ އެންމެ އިސްވެރިޔާކަމުގެ މަގާމާ ހަވާލުވެގެނެވެ. މިއީ ގާނޫނީ ބޭފުޅުން ދެކޭ ގޮތެވެ. އެގޮތް ނޫން ގޮތަކަށް އިސްލާހެއް ނުގެނެސް އިންތިހާބެއް ބައްވައިގެން ފަސް އަހަރުގެ ޓާމެއް ހަމަކުރެވިދާނެ ކަމަކަށް ސަރުކާރު ވެސް އަދި ގާނޫނީ ބޭފުޅުން ވެސް ގަބޫލެއް ނުކުރެ އެވެ. ކުރީގެ ރައީސް ނަޝީދާއި އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ ރައީސް ޑރ. އިބުރާހިމް ދީދީ އާއި ޕާޓީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން ދައްކަވާ ވާހަކަފުޅުތަކުން މަގުޗާޓްގައި އެމްޑީޕީގެ ބައިވެރިވުން އޮންނާނެ ކަމަށް ބައެއް ފަހަރަށް ހީވި ނަމަވެސް ފެންނަމުންދަނީ މަގުޗާޓް އަރަން އެމްޑީޕީ ދެކޮޅު ހަދާ ތަނެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ފުރިހަމަ އިންތިހާބެއް ބާއްވާ ފަސް އަހަރުގެ ދައުރެއް ލިބިގަނެވޭނީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށް،" އާޒިމާ ވިދާޅުވި އެވެ.
އެމްޑީޕީގެ މެންބަރު، އަދި މަޖިލީހުގެ މާފަންނު އުތުރުދައިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވި ގޮތުގައި މަގުޗާޓު ކާމިޔާބުކުރުމުގައި އެމްޑީޕީން ބަސް ބުނުމަކީ އަދި އެމްޑީޕީގެ ބައިވެރިވުން މުހިންމެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އެމްޑީޕީން ނުރުހޭނަމަ އެކަން ކާމިޔާބެއް ނުވާނެ އެވެ. އިމްތިޔާޒުގެ އެ ވާހަކައަކީ ބަލައިގަނެވޭނެ ވާހަކައެކެވެ. ނަމަވެސް ގާނޫނު އަސާސީ އިސްލާހު ނުކޮށް މިހާރުން މިހާރަށް އިންތިހާބެއް ބޭއްވުމަކީ ވަރަށް ސާފުކޮށް އެގެން އޮތްކަމެއް ކަމަށް އިންތި ވިދާޅުވާ ވިދާޅުވުމަށް ގާނޫނީ ގޮތުން ޖާގަ ލިބެނީ ކިހަ ވަރަކަށްތޯ ސުވާލު އުފެދ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިހާބެއް ބޭއްވުމުގެ ކުރިން ގާނޫނު އަސާސީ އިސްލާހުކުރުމަށް މަގުޗާޓު ހަދައި އެކަންކަން ކުރުމަކީ ހުދުމުހުތާރު ވެރިންނާ ޑިމޮކުރަސީ ނުދަންނަ ފަރާތްތައް ކަންކުރާ ގޮތެވެ. އެމްޑީޕީގެ އެހެން ގިނަ މެންބަރުން ވެސް ދެކެނީ އެގޮތަށެވެ.
"އިންތިހާބެއް ބޭއްވުމަކީ އެއްވެސް ކަހަލަ ހުރަހެއް އޮތްކަމެއް ނޫން. ބޭނުން އިރަކު އިންތިހާބެއް ބޭއްވޭނެ. އެހެން މިދެންނެވީ މިހާރުގެ ރައީސް ކަމަށް ވިދާޅުވާ މުހައްމަދު ވަހީދު ހަސަން މަނިކު އިސްތިއުފާ ދެއްވުން. އަޅުގަނުމެން ޕާޓީން މިހާރު ވެސް މިގޮވާލަނީ އަވަސް އިންތިހާބަކަށް،"އިންތި ވިދާޅުވި އެވެ.
އަވަސް އިންތިހާބެއް ބާއްވަން ދެކޮޅުހަދާ ފަރާތްތަކުން އެކަމަށް ދެކޮޅުހަދަނީ އެމްޑީޕީގެ ސަރުކާރެއް އަނެއްކާވެސް އުފެދިދާނެ ކަމުގެ ބިރަށްޓަކައި ކަމަށާއި މިހާރު ކުރިއަށް ގެންދާ މުޒާހަތައް ހުއްޓާލާނީ ވެސް އިންތިހާބެއް ބާއްވާނެ ތާރީހު ދިނުމުން ކަމަށް އެމްޑީޕީން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
"ހަމަ ބިރުގަނަނީ، ވޯޓަކަށް ގޮސްފިއްޔާ އެމްޑީޕީން ކުރި ހޯދާނެތީ، އެމްޑީޕީ އޮތީ ތައްޔާރަށް އަވަސް އިންތިހާބަކަށް ދިއުމަށް، އަޅުގަނުމެން ކުރިން ވެސް ވޯޓުން ބަލި ކުރިން ދެން ވެސް ވޯޓުން ބަލިން ކުރާނެ،" އެމްޑީޕީގެ މުޒާހަރާގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރަކު ވިދާޅުވި އެވެ. އަދި މުޒާހަރާތަކުގައި އެމްޑީޕީގެ މައިގަނޑު ބަހަކަށް ވެފައި ވަނީ ވެސް އިންތިހާބަކަށް ގޮސްފިނަމަ "ވޯޓުން ތަޅައި ބަލިކުރާނެ" ކަމަށެވެ.
ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވި ގޮތުގައި މަގުޗާޓުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބައިވެރި ނުވެއްޖެނަމަ މަގުޗާޓު އެންމެ ފުރިހަމަ ގޮތުގައި ކުރިއަކަށް ނުދާނެ އެވެ. ނަމަވެސް މަގުޗާޓުގައި ހިމެނޭ ކަންކަން ކާމިޔާބުކުރަން މިހާރު ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ގަދަ އަޅާ މަސައްކަތްކުރާނެ އެވެ.
"ރައީސް އެކުލަވާލެއްވި މަގުޗާޓް އެއީ ގައުމީ މަސްލަހަތަށްޓަކައި އެކުލަވާލެވިފައިވާ މުހިންމު ޑޮކިއުމެންޓެއް. ގައުމު މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ދިއުމަށްޓަކައި ހުރިހާ ޕާޓީތައް އެއްބަސްވެއްޖެއްޔާ މިހާރު އެމަނިކުފާނު ވަނީ [މުހައްމަދު ވަހީދު ހަސަން މަނިކު] ރިޔާސީ އިންތިހާބެއް ވެސް ބައްވަން އެބަސްވެ ވަޑައިގެންފަ. މަގުޗާޓަށް އަޅުގަނޑުމެންގެ ތާއީދު އެބައޮތް،" ތަސްމީން ވިދާޅުވިއެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަބުދުއް ރަހީމް އަބުދުﷲ ވިދާޅުވި ގޮތުގައި މަގުޗާޓުގައި ހިމެނޭ ކަންކަން ހާސިލްކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ޕީޕީއެމްގެ ފުރިހަމަ އެއްބާރުލުން ދޭނެ އެވެ.
"އެ މަގުޗާޓުގައި ހުރިކަންތައްތައް ހާސިލްކުރަން ބޭނުންވާ ހުރިހާ މަސައްކަތެއްގައި ޕީޕީއެމްގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ރައީސް ޑރ ވަހީދަށް ދަންނަވަން. އަދި އެކަމުގައި އަމަލީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ވެސް ކުރާނަން،" އޭނާ ވިދާޅުވި އެވެ.
އަބުދުއްރަހީމު ވިދާޅުވީ މަގުޗާޓަށް ތާއީދު ކުރާނެ ވާހަކަ ޕީޕީއެމުން ހާމަކުރުމަކީ މިހާރުން މިހާރަށް ރިޔާސީ އިންތިހާބަކަށް ދިއުމަށް އެއްބެސްވުން ނޫން ކަމަށާއި އެއާ ހިލާފަށް ސިޔާސީ ހުރިހާ ޕާޓީތަށް އެއް މޭޒު ކައިރިއަށް ޖަމާވެ ވާހަކަ ދައްކައިގެން ގޮތެއް ނިންމިދާނެ ކަމަށެވެ.
"މިޕާޓީއަކީ ގައުމުގެ މަސްލަހަތަށް އިސްކަންދޭނެ ޕާޓީއެއް. މި ޕާޓީއަށް އިސްވާނީ އިސްލާމްދީނާއި ގައުމު ގައުމާއި ދީނުގެ ހައްގުގައި ކުރެވޭ މަސައްކަތުގައި ޕީޕީއެމުން ހިއްސާ އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
އަވަސް އިންތިހާބެއް ބާއްވަން އެމްޑީޕީން ވަކާލާތު ކުރަމުން ގެންދިޔަ ނަމަވެސް ރާއްޖެ އޮތީ އިންތިހާބެއް ބޭއްވޭ ވަރުގެ ހާލަތެއްގައި ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ގަބޫލެއް ނުކުރެ އެވެ. އަދި ރާއްޖެ މިހާރު އޮތް ހާލަތުގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމާމެދު ސުވާލު އުފައްދަ އެވެ. އޭގެ ތެރެއަށް މާލީ ތަނަވަސްކަން ވެސް ވަދެގެންދާ ގޮތަށެވެ. އަދި ރާއްޖޭގައި އުފެދިފައިވާ ހަލަބޮލި ކަމަށް ފިނިކަމެއް ވެސް އައިސްފައި ނުވާތީ އެވެ.
ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް ވިދާޅުވި ގޮތުގައި ރާއްޖެއަށް ސުލްހަ ގެންނަން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން އިއްތިހާދު ތައްޔާރެވެ. އެކަމަކު ގާނޫނު އަސާސީ އޮތް ގޮތުން ބޭނުން ކޮންމެ އިރަކު އިންތިހާބެއް ނުބޭއްވޭނެ އެވެ. އަދި އިންތިހާބު ބޭއްވީ ސަރުކާރުން އިއުލާންކޮށްފައިވާ މަގުޗާޓަށް ހުރިހާ ޕާޓީތަކުގެ އިތުރުން އެމްޑީޕީން ވެސް އެއްބަސް ވެގެނެވެ.
"އިންތިހާބެއް ބޭއްވުމަށް ހުރިހާ ޕާޓީތަކުން މަޝްވަރާކުރުމަށް އަޅުގަނޑުމެންވާނީ އެއްބަސްވެފައި. އެކަމަކު ހުރިހާ ޕާޓީތަކުން އެއްބަސްވާން ޖެހޭ ކަންތައްތަކެއް އެބަހުރި. މިސާލަކަށް މަގުޗާޓުގައިވާ ގޮތުން އެމްޑީޕީގެ ފަރާތުން މިދިޔަ ހުކުރު ދުވަހު ބާއްވަން ނިންމި މުޒާހަރާ ނުބޭއްވުމަށް ވަނީ އެއްބަސްވެފައި. ފުރަތަމަ އެކަމާ ވަނީ ހިލާފުވެފައި،" އޭނާ ވިދާޅުވި އެވެ.
ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރުގައި އެމްޑީޕީން ބައިވެރިވާނީ އާ ސަރުކާރުގެ ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން މަގާމުތަކުން ވަކިކުރުމުން ކަމަށް އެމްޑީޕީން މިހާރު ވެސް ވަނީ ބުނެފަ އެވެ. އަނެއްކޮޅުން ސަރުކާރުން ގެންދަނީ ސަރުކާރު ފުރިހަމަ ކުރުމަށް ކުރަންޖެހޭ ކަންކަން މެދުނު ކަނޑާނުލައި ކުރަމުންނެވެ. މަގާމުތައް ތަރުތީބު ކުރަމުން މަސައްކަތްތައް ހަލުއި ކުރުމުންނެވެ. ސަރުކާރެއް ދެމިއޮތުމަށް ކުރަންޖެހޭ ކަންކަމުގެ ހުރިހާ ސިފައެއް އާ ސަރުކާރުގެ އެޑްމިނިސްޓްރޭޝަންތެރެއިން ފެނެ އެވެ. އެހެންކަމުން މިވަގުތަށް އެމްޑީޕީން ދައްކާ ވާހަކަތަކާއި ރާގާއި އަމަލުތައް ހު ގޮތަށް ބަލާއިރު ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި ބައިވެރިވެ މަގުޗާޓަށް ކާމިޔާބު ކުރުމަށް އެމްޑީޕީން ޒައިތޫނި ފަތްކޯޅީފައި ހިފުމަކީ ގާތް ކަމެކޭ ބުނާނެ ޖާގައެއް ނުފެނެ އެވެ. ފެންނަނީ މަގުޗާޓަށް އުއްމީދުގެއްލިފައިވާ ހާލަތެކެވެ. އެކަމަކު އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގެ ކޮންމެ ފުރޮޅުމަކަށް އެމްޑީޕގެ ބާރު ބޭނުންވެ އެވެ. ފަހަރުގައި ހާލަތު ބަދަލުވެގެން އައުމަކީ ވެދާނެ ގޮތެކެވެ.