26 Jul 2021, 14:41
ސްކޫލްތަކުގައި ނާސްތާ ޕްރޮގްރާމް ހުއްޓާލުމަށް ނިންމައިފައިނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ޝަރުމާ ނަސީރު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން އެ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ޝަރުމާ "ސަން" އަށް ވިދާޅުވީ މި ޕްރޮގްރާމް ހުއްޓާލުމަށް ނިންމައިފައި ނުވާކަމަށެވެ.
އަދި ބައެއް މީޑިއާތަކުން މިނިސްޓްރީއިން ނާސްތާ ޕްރޮގްރާމް ހުއްޓާލުމަށް ނިންމާފައިވާކަމަށް ރިޕޯޓު ކުރިނަމަވެސް މީޑިއާގައި ދައުރުވާ ޚަބަރަކީ ދޮގު ހަބަރެއްކަމަށް ޝަރުމާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
"ނާސްތާ ޕްރޮގްރާމް ހުއްޓާލާކަށް ނުނިންމާ. އެކަހަލަ އެއްވެސް ނިންމުމެއް ނިންމާފައިނުވޭ،" ޝަރުމާ ވިދާޅުވިއެވެ.
ޝަރުމާ އިތުރަށް ވިދާޅުވީ މިކަމާ ގުޅޭ އިތުރު މައުލޫމާތު މިވަގުތު ދެވެން ނެތްކަމަށެވެ. އަދި އިތުރު މައުލޫމާތު ސަރުކާރު ބަންދު ނިމުމުން ފޯރުކޮށްދޭނެކަމަށް ވެސް ވިދާޅުވިއެވެ.
ނާސްތާ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އަދި މި ޕްރޮގްރާމް ހިންގުމުގެ ގޮތުން ދައުލަތުން އަންނަނީ ބޮޑު ހަރަދެއް ކުރަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނީ މި ޕްރޮގްރާމްގެ ބޭނުމަކީ ހުރިހާ ދަރިވަރުންނަށްވެސް ހަމަހަމަކަމާއެކު ފައިދާ ހުރި ކާނާ ފޯރުކޮށްދިނުންކަމަށެވެ.
ނަމަވެސް ގިނަ އަދަދެއްގެ ބެލެނިވެރިން ވަނީ މި ޕްރޮގްރާމް ކުރިއަށް ގެންދާ ގޮތާ ގުޅިގެން ހިތްހަމަ ނުޖެހުމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.
ހަމައެއާއެކު ނާސްތާގެ ގޮތުގައި ދަރިވަރުންނަށް ދެވޭ ތަކެތި ދަރިވަރުންނާއި ހަމައަށް ލިބޭއިރު ކުނިވެފައި ހުންނަކަމުގެ ޝަކުވާ ވެސް ގިނަ އަދަދަކަށް ވަނީ ފެންމަތިވެފައެވެ.