14 Jul 2010, 05:23
10:00
ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތް ކާމިޔާބުނުވަނީސް ހުއްޓާނުލާނެ ކަމަށާއި ރައްޔިތުން ހޮވާފައި ތިއްބެވި ބޭފުޅުން ކޮރަޕްޝަނުގެ ނުބައި ވަބާގައި ޖެހިގެން ތިއްބެވުމަކީ ލާހިކު ކުޅަދާނަ ކަމެއް ނޫން ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. މުސްތޮފާ ލުތުފީ ވިދާޅުވެއްޖެ އެވެ.
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމަށް މިއަދު ހަވީރު އެމްޑީޕީން ބާއްވާ މުޒާހަރާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ. މުސްތޮފާ ލުތުފީ ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބުކުރާނެ ކަމަށާއި އެކަން ނުވާހާ ހިނދަކު ހިމޭނުން ނުތިއްބަވާނެ ކަމަށެވެ. ރާއްޖޭގައި ކޮރަޕްޝަން އޮތުމަށް ރައްޔިތުން ބޭނުންނުވާ ކަމަށާއި ރައްޔިތުންނަށް ލިބޭ އާމްދަނީ ވަކި ބަޔަކަށް ލިބި، އެ މުއްސަނދިކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަންތައް ނިމިގެންދާން ވެސް ރައްޔިތުން ބޭނުންނުވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އެހެންކަމުން އެއްވެސް މީހަކު އަދި ޚާއްސަކޮށް ރައްޔިތުން ހޮވާފައި ތިއްބެވި އެއްވެސް ބޭފުޅަކު ކޮރަޕްޝަނުގެ ވަބާގައި ޖެހިގެން ތިއްބެވުމަކީ ދެން ލާހިކު ކުޅަދާނަ ކަމެއް ނޫން ކަމަށާއި އެ ބޭފުޅުން އެބަލިން ސަލާމަތްކުރައްވާނެ ކަމަށް މުސްތަފާ ވިދާޅުވި އެވެ. އަދި ރައްޔިތުން ބޭނުންވެއްޖެ ނަމަ ގައުމުން ކޮރަޕްޝަން ފޮހެލޭވެނެ ކަމަށް ވިދާޅުވެ، މިއަދު އޮންނަ މުޒާހަރާގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ގޮވާލެއްވި އެވެ. އަދި މި މުޒާހަޜާގައި ބައިވެރިވުމަށް އަތޮޅުތަކުން 5،000 އެއްހާ މީހުން މާލެ އަންނާނެ ކަމަށްވެސް ކުރިން ގައުމީ އިއްތިހާދު ޕާޓީގައި މަސައްކަތްކުރެއްވި ޑރ.މުސްތަފާ ލުތުފީ ވިދާޅުވި އެވެ.