26 Jul 2021, 08:11
ދިވެހިރާއްޖޭގެ މިނިވަންކަމަށް 56 އަހަރުފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު އޮތް ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތު ކުރިޔަށް ދިޔައީ މިއަދު ހެނދުނު 05:50 ގައެވެ. މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުالله އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ.

ދިވެހިރާއްޖޭގެ 56 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ -- ފޮޓޯ/ ރައީސް އޮފީސް
ޖުލައި 26، 2021: ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްދިޔަ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން: މި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ނައިބު ފައިސަލް ނަސީމް އަދި ދައުލަތުގެ އިއްޒަތްތެރީން ބައިވެރިވެވަޑައިންނެވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މި ރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން ދުވަހާއި ގުޅޭ ހާއްސަ ދުއާއެއްވެސް ކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރީން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޖުލައި 26، 2021: ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްދިޔަ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން: މި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ނައިބު ފައިސަލް ނަސީމް އަދި ދައުލަތުގެ އިއްޒަތްތެރީން ބައިވެރިވެވަޑައިންނެވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބުކުރައްވާނީ މިއަދު ހެނދުނު 10:00 ޖަހާއިރުއެވެ.
ރާއްޖެ އިނގިރޭސީންގެ ޕްރޮޓެކްޓަރޭޓް ގައުމެއްގެ ގޮތުގައި އިނގިރޭސީންގެ ބާރުގެ ދަށަށް ދިޔައީ 1887 ވަނަ އަހަރުއެވެ. މިނިވަން ދުވަހަކީ އިނގިރޭސީންގެ ކިބައިން ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނުކަމުގެ އެގްރިމެންޓުގައި ސޮއިކުރެވުނު ދުވަހުގެ މުނާސަބަތުގައި ފާހަގަކުރާ ދުވަހެކެވެ.
މި އެގްރިމެންޓުގައި ސޮއިކުރެއްވީ 26 ޖުލައި 1965 ވަނަ ދުވަހު ސިލޯނުގެ ކޮލޮމްބޯގައި އޮތް ރަސްމިއްޔާތެއްގައި, އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރާއި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީޜު މައިކަލް ވޯކާއެވެ.