26 Jul 2021, 02:41
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާ ނުކޮށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި ގަރާރު ފާސް ނުކުރެވޭނެ ކަމުގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެމްޑީޕީ ގައުމީ މަޖިލީހަށް މިރޭ ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ޓެރެރިޒަމާއި ހަރުކަށި ފިިކުރާ ދެކޮޅަށް މަސައްކަތް ކުރުމުގައި ފުލުހުންނަށް ބާރު ތަކެއް ދޭން ގޮވާލައި އެ ގަރާރު ފާސްކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގަ އޮއްވާ، އެމަނިކުފާނާ މަޝްވަރާ ނުކޮށް، މިފަދަ ހުށަހެޅުމެއްގެ ވާހަކަ ދެއްކުމަކީވެސް އިންސާފެއް ނޫން ކަމުގައެވެ.
"ގާނޫނު އަސާސީގަ ކުއްލި ނުރައްކަލުގެ ހާލަތު ގެނައުމުގެ ފުރުސަތު މި ލިބިދެނީ ރައީސުލްޖުމްހޫރިއްޔާއަށް. އެހެންވީމަ މިރޭގެ މި ގައުމީ މަޖިލީހަށް އައުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އާ ވާހަކަ ދެކެވެން ޖެހޭނެ. އެހެން ޕާޓީއެއްގެ ރައީސަކު ހުރިނަމަ ރަނގަޅު އެގޮތަށް އަޅުގަނޑުމެން ދެކެން. ނަމަވެސް އަޅުގަނޑުމެންގެ ޕާޓީގެ ރައީސެއް ހުރީތީވެ ގަރާރުގަ އޮތް އެބަސް އުނި ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގަ އަޅުގަނޑުމެންގެ މަސްލަހަތަށްޓަކައިވެސް ކުރަން ޖެހޭ ކަމެއްގެ ގޮތުގަ ދެކެނީ،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ރާއްޖޭގައި އަޑީ ދައުލަތެއް އުފެދި، ހަރުކަށި ފިކުރުގެ މީހުން އިންތިހާއަށް ގިނަވަމުން އަންނަ ކަމުގައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަށް ރައީސް ނަޝީދު މި ހުށަހެޅި ގަރާރު ފާސް ވުމުން، އެގޮތަށް އަމަލު ކުރުމަށް ސަރުކާރަށް ބާރު އެޅުމުގެ ފުރުސަތު ބޮޑުވެގެން ދާނެއެވެ.
ގާނޫނުއަސާސީގައިވާ ގޮތުންނަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު އޮންނަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އަށެވެ.