އާ ސަރުކާރާ އެކު އެމްޑީޕީ އިން މަޝްވަރާތައް ކުރުމަށް ސަރުކާރުން ބޭނުންވާ ނަމަ މިހާރުގެ ސަރުކާރުގައި ތިއްބެވި އިސް ބޭފުޅުންތަކެއް ވަކި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް އެމްޑީޕީން ހުށަހަޅައިފި އެވެ.

މިރޭ އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސީޓީ ކައުންސިލްގެ އެމްޑީޕީ މެންބަރު ސަރަނގު އާދަމް މަނިކު ވިދާޅުވީ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަވަން ގަސްތުކުރައްވާ ކަމަށް ވިދާޅުވެ، ރައީސް ޑރ. ވަހީދު ފޮނުއްވެވި ސިޓީފުޅުގެ ޖަވާބުގައި ސަރުކާރު އިސް ބޭފުޅުންތަކެއް ވަކި ކުރުމުން މަޝްވަރާތަކަށް ދާނެ ކަމަށް ޝަރުތު ކޮށް ޖަވާބު ދެއްވާފައިވާނެ ކަމަށެވެ.

އާދަމް މަނިކު ވިދާޅުވީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ހޯމް މިނިސްޓަރު މުހައްމަދު ޖަމީލުގެ އިތުރުން ހޯމް މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު ވަކި ކުރެއްވުމަށް ރައީސް ޑރ. ވަހީދުގެ އަރިހުގައި ޝަރުތުކޮށްފައިވާނެ ކަމަށެވެ.

އަދި ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި ޗީފް އޮފް ޑިފެންސް އަހްމަދު ޝިޔާމު ވަކިކޮށްދިނުމަށް ވެސް އެދިފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބޭފުޅުން ވަކި ކޮށްދިނުމަށް ޝަރުތުކޮށްފައި ވަނީ އެ ބޭފުޅުންނަކީ މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުކުރުމަށް "ބަޣާވާތް" ކުރި ބަޔެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

"އަޅުގަނޑުމެން އިންތިގާލީ އިންތިޒާމެއްގައި، ބައިވެރިވުމަށް މި ޝަރުތުކުރީ އެމްޑީޕީ ބައިވެރިނުވެ ޤައުމުގެ މަސްލަހަތު ނުހިފެހެއްޓޭނެ ކަމަށް ވެސް މިޕާޓީން ދެކޭތީ. އަދި މިޕާޓީން އަބަދު ވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަމަށްވާތީ. އެ ވެސް އިންތިހާބަކަށް ދިޔުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް." އާދަމް މަނިކު ވިދާޅުވި އެވެ.

އެހެން ނަމަވެސް އަވަސް އިންތިހާބަކަށް ދިއުމާ ގުޅޭ މަޝްވަރާތައް އެމްޑިޕީން ސަރުކާރާ އެކު ކުރަމުން އަންނަ ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ.

އަދި ކުރީ ސަރުކާރުގެ ވެރިކަން ބަދަލުވި ގޮތާއި އަދި އެކަންކަމާ ގުޅިގެން ނިކުންނަ ކަންކަން ރިއާޔަތްކޮށް ކުރަން ޖެހޭ ކަންކަން ކުރުމުގެ އިތުރުން ކުރިމަތިވާ މައްސަލަތައް ދިރާސާކޮށް ރައީސް ނަޝީދަށާއި ޕާޓީގެ ލީޑާޝިޕަށް ލަފާ ދިނުމަށް ހަތް މެމްބަރުންގެ ކޮމިޓީއެއް ޤައުމީ ހިންގާ ކޮމިޓީން މިހާރު އުފައްދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޑރ. ވަހީދަށް ހުށަހަޅާފައިވާ ޝަރުތުތަކާ ގުޅިގެން އެމްޑީޕީގެ މުޒާހަރާއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ. މި ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށް މި ރޭ ވެސް އެމްޑީޕީން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. އެހެން ނަމަވެސް ސަރުކާރުގައި ބައިވެރިވުމުގެ މަޝްވަރާތަކަށް ދިއުމަށް ނިންމީ މަސްލަހަތަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ފެންނާތީ ކަމަށް އެ ޕާޓީން ބުނެ އެވެ.