19 Feb 2012, 22:10
ޖީއެމްއާރުން ވަޒީފާ އިން ވަކިކޮށްފައިވާ 18 މީހަކަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމަށް ހަތް ދުވަހުގެ ތެރޭގައި އަމަލުކުރުމަށް ޖީއެމްއާރުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުން މިގޮތަށް އަމުރުކުރީ ޖީއެމްއާރުގެ ވަޒީފާ އިން ވަކިކޮށްފައިވާ 18 މީހުން ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށްވާތީ އެ މީހުންނަށް އަލުން ވަޒީފާ ދިނުމަށް މިދިޔަ ސެޕްޓެމްބަރު މަހު ޓްރައިބިއުނަލުން ކުރި އަމުރަށް ޖީއެމްއާރުން ތަބާނުވުމުން ޓްރައިބިއުނަލްގެ އަމުރު ތަންފީޒުކޮށް ދިނުމަށް އެ 18 މީހުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު މިއަދު އެވެ.
މި މައްސަލައިގެ ނިޔާކަނޑައެޅުމަށް ސިވިލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ސިވިލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ އެ 18 މީހުންނަށް އަލުން ވަޒީފާ ދިނުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަޒީފާ އާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ޖީއެމްއާރުން އަމަލުކޮށްފައިނުވާ ކަން ޝަރީއަތަށް ސާބިތުވާތީ މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް އަމަލު ކުރުމަށް ޖީއެމްއާރުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.