25 Jul 2021, 19:41
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އުފައްދަވާ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ވަގުތީ ލޯގޯ ދައްކައިލައިފިއެވެ.
ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފާވައި ނާޒިމް "ސަން" އަށް ވިދާޅުވީ ވަގުތީ ލޯގޯއަކީ ޕާޓީގެ މަސައްކަތް ފެށުމުގެ ގޮތުން ބޭނުންކުރާ ލޯގޯ ކަމަށެވެ.
އޭނާ ވިދާޅުވީ ޕާޓީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް ޕާޓީ ރަޖިިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.
"މި ޕާޓީއަކީ ވަކި މީހެއްގެ ޕާޓިއެއް ނޫން ކަމަށް އަޅުގަނޑު ކުރިންވެސް ދަންނަވާފަ އޮންނާނީ،" ނާޒިމް ވިދާޅުވިއެވެ.

ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް
ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް 3000 މެމްބަރުން ހަމަވާންޖެހޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނޫގައި ވަނީ ބުނެފައެވެ. ނާޒިމް ވިދާޅުވިގޮތުގައި މެމްބަރުން ހަމަވެ ވަރަށް ކައިރި މުސްތަގްބަލެއްގައި ޕާޓީ ރަޖިސްޓްރީ ކުރެވޭނެއެވެ.
"އިރާދުކުރެއްވިއްޔާ މި ޕާޓި އަބަދުވެސް ދެމި އޮންނާނެ. އަޅުގަނޑު ނެތް ކަމުގައި ވިޔަސް އެހެން ބޭފުޅަކު ހުންނަވައިގެން ވިޔަސް ޕާޓީގެ މަސައްކަތްތައް ކުރިއަށްދާނެ،" ނާޒިމް ވިދާޅުވިއެވެ.