ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން މައުލޫމާތު އެއްކުރުމަށް ރާއްޖެ އައި ކޮމަން ވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ ފެކްޓް ފައިންޑިން މިޝަންގެ މަސައްކަތް ނިންމާލައިފި އެވެ.

ތިން ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމަންވެލްތުގެ މިޝަންގެ މަސައްކަތް ނިންމާލުމަށް ފަހު ރާއްޖެ އިން ފުރުމުގެ ކުރިން ޓްރޭޑާސް ހޮޓަލުގައި މިރޭ ބޭއްވި ޕްރެސް ބްރީފިންގައި އެ މިޝަންގައި އިސްކޮށް ހުންނެވި ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ފޮރިން މިނިސްޓަރު ސުރަޖުރާޓަން ރަބަޗަން ވިދާޅުވީ ރާއްޖޭގައި ކުރި މަސައްކަތުގެ ބޭނުމަކީ ރާއްޖޭގައި ވެރިކަމުގެ ބާރުތައް ބަދަލުވުގައި ހިނގާފައިވާ ކަންތައްތަކާ މެދު ކޮމަންވެލްތަށް ރަނގަޅު މައުލޫމާތު ހޯދުން ކަމަށެވެ.
ކޮމަންވެލްތުން ރާއްޖެ އަށް މިފަދަ މިޝަންއެއް ފޮނުވުމުގެ ދެވަނަ ބޭނުމެއް ކަމަށް ރަބަޗަން ވިދާޅުވީ ކޮމަން ވެލްތުގެ އަގުތަކާއި އުސޫލުތައް ރާއްޖޭގައި ކުރިއެރުވުން ކަމަށެވެ.

އަދި ވިދާޅުވީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާފައި ވަޑައިގަންނަ ވަނީ އެބޭފުޅުން ރާއްޖެ އިން ދެނެވަޑައިގަންނަވަން ބޭނުންފުޅުވި ހާލަތާ ބެހޭ މައުލޫމާތު ރަނގަޅަށް ލިބިވަޑައިގެންނެވުމުން ކަމަށެވެ.

"އަހަރެމެން ހޯދި މައުލޫމާތާއި އަމަލުކުރުމަށް އަހަރެމެންނަށް ފެންނަ ގޮތްތައް އަންނަ ހަފުތާފައި ލަންޑަންގައި ބާއްވާ ކޮމަން ވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕަށް ހުށައަޅާނަން،" ރަބަޗަން ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަން ބަދަލުވެފައި ވަނީ ގާނޫނާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ އެސުވާލަށް ޖަވާބެއް ނުދެއްވޭނެ ކަމަށާއި ގޮތެއް ކަނޑައެޅުމަކީ އެބޭފުޅުންގެ ކަމެއް ނޫން ކަމަށް ވެސް ރަބަޗަން ވިދާޅުވި އެވެ.

ބޭނުންވާ މައުލޫމާތުތައް އެއްކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާއި ކުރީގެ ރައީސް ނަޝީދާއި ސިޔާސީ ޕާޓީތަކާއި މިނިވަން މުއައްސަސާ ތަކާއި ސަލާމަތީ ބާރުތަކުގެ ބައެއް އޮފިސަރުންނާއި ސިވިލް ސޮސައިޓީއާ ބައްދަލުކުރެއްވި ކަމަށާއި އެހުރިހާ ފަރާތްތަކަކުން ވެސް އެއްބާރުލުން ލިބިވަޑައިގެންނެވި ކަމަށް ރަބަޗަން ވިދާޅުވި އެވެ.
ކޮމަންވެލްތުގެ މިޝަން ރާއްޖެ އިން ފުރާނީ މާދަމާ ހެނދުނު އެވެ.

ރާއްޖެ އައި ކޮމަންވެލްތުގެ މިނިސްޓީރިއަލް މިޝަންގެ ވެރިއަކަށް ހުންނެވި ޓްރިޑާޑް އެންޑް ޓޮބޭގޯގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް އެންޑް ކޮމިއުނިކޭޝަންސް ސުރަޖްރާޓަންގެ އިތުރަށް އެ މިޝަންގައި ހިމެނިވަޑައިގަންނަވާ އަނެއް ދެ ބޭފުޅުންނަކީ ބަނގުލަދޭޝްގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް ދީޕޫ މޯނީއާއި އޮސްޓްރޭލިއާގެ ސެކްރެޓަރީ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޑެނިސް ރިޗަޑްސަން އޭއޯ އެވެ.