19 Feb 2012, 19:45
ކުރީގެ ރައީސް ނަޝީދުގެ އިސްތިއުފާ ދެއްވުމުގައި ހިނގައި ދިޔަ ކަންތައްތައް ތަހުގީގުކޮށް ގާނޫނީ ބާރު އޮތް ފަރާތަކުން އެކަމަށް ގޮތެއް ނިންމުމަކީ ކުރެވިދާނެ ކަމެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީޖީ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވަން ޖެހުނީ އެކަށީގެންނުވާ ނުފޫޒެއް ނުވަތަ އެނޫން ވެސް އެމަނިކުފާނުގެ އަމިއްލަ އިހްތިޔާރެއް ނެތް ހާލަތެއްގައިކަމަށް އެމަނިކުފާނު ވިދާޅުވާ ނަމަ އެކަމުގައި ވަށައިގެން ހިނގައި ދިޔަ ކަންތައްތަކުގެ ހަގީގަތް ހޯދައި އެކަންތަކުގެ އަލީގައި ކުރީގެ ރައީސް ދެއްވި އިސްތިއުފާގެ ސައްހަކަމާ މެދު ގާނޫނީ ގޮތުން ބާރު އޮތް ފަރާތަކުން ގޮތެއް ނިންމުމަކީ ކުރެވިދާނެ ކަމެއް ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ" ކަމަށެވެ.
ނަމަވެސް ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ޕީޖީ އަހުމަދު މުއިއްޒު ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 121 މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތަށް އެއްވެސް ސަބަބަކާ ހުރެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވެއްޖެ ނަމަ އެމަގާމާ ހަވާލު ވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ވީހިދު ރައީސް އިސްތިއުފާ ދެއްވުމުން ނައިބު ރައީސް އެމަގާމާ ހަވާލުވުމަކީ ގާނޫނީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށެވެ.
އަދި ފެބްރުއަރީ 6 އަދި 7 ވަނަ ދުވަހުގައި ބައެއް ފުލުހުންނާއި ސިފައިންގެ ފަރާތުން ފެނިގެން ދިޔަ ކަންތައްތައް ކަމާ ބެހޭ މުއައްސަސާތަކުން ތަހުގީގު ކުރަން ޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް ޕީޖީ ވިދާޅުވެފައިވެއެވެ.
ޕީޖީ އިތުރަށް ވިދާޅުވެފައި ވަނީ ފެބްރުއަރީ 8 ވަނަ ދުވަހު އެމްޑީޕީން ކުރި މުޒާހަރާ ރޫޅާލުމުގައި ސަލާމަތީ ބާރުތަކުގެ ފަރާތުން އަމަލުކުރި ގޮތް ރަނގަޅަށް ތަހުގީގުކޮށް އެކަންތަކުގައި ޖިނާއީ ކުށުގެ ދައުވާ ކުރަން ޖެހޭ މީހަކު ހުރި ނަމަ އެމީހަކާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.