19 Feb 2012, 18:44
އަވަސް އިންތިހާބަކަށް ގޮވާލަމުން މާލޭގެ ލޮނު ޒިޔާރަތްކޮޅުގައި އެމްޑީޕީން ކުރަމުން އަންނަ މުޒާހަރާރެއެއް ރެއަކަށް ވަރުގަދަވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
މުޒާހަރާ މައިދާނުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އެމްޑީޕީގެ މުޒާހަރާ ހުއްޓުމެއް ނެތި ކުރިއަށް ގެންދަމުން އަންނަތާ 48 ގަޑިއިރަށް ވުރެ ގިނަ އިރުވެފައިވާ ކަމަށާއި މުޒާހަރާގެ ހަރަކާތްތައް ރެއެއް ރެއަކަށް ވަރުގަދަވާނެ ކަމަށެވެ.
"މިކަމަކީ (މުޒާހަރާއަކީ) ކޮންމެ ރެއަކު ކުރިއަށްދާނެ ކަމެއް. މިކަމުގައި ނިމުމެއް ނެތް،" އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާކުރުމަށް އެމްޑީޕީ ތައްޔާރަށް އޮތް ކަމަށާއި ނަމަވެސް އެ
މަޝްވަރާތައް ދިގުދެމިގެން ނުގޮސް އަވަސް އިންތިހާބެއް ބާއްވާނޭ ތާރީހެއް ކަނޑައަޅަންވާނެ ކަމަށެވެ. "މަޝްވަރާކުރަން ތައްޔާރު. އެކަމަކު އެ މަޝްވަރާ ވެގެން ނުވާނެ އެއްވެސް ކޮޅެއް ނުފެނި ދިގުދެމިގެންދާ މަޝްވަރާއަކަށް،" އިންތި ވިދާޅުވި އެވެ.
ަނަމަވެސް އެމްޑީޕީގެ ރައީސް އިބްރާހީމް ދީދީ މީޑިއާ އަށް ދެއްވި އިންޓަވިއުތަކުގައި ވިދާޅުވީ އެމްޑީޕީން އިންތިޒާމު ކުރި މުޒާހަރާ ހުކުރު ދުވަހުގެ ރޭ ދަންވަރު 12 ޖެހިއިރު ނިމިފައިވާ ކަމަށާއި މިހާރު ބާއްވަމުން އަންނަނީ އެ ޕާޓީން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މުޒާހަރާއެއް ނޫން ކަމަށެވެ. އަދި އޭނާ ވިދާޅުވީ މިހާރު ބާއްވަމުން އަންނަ މުޒާހަރާ އަށް އޭނާ ވަޑައިނުގަންނަވާނެ ކަމަށެވެ.