އަންނަ ހުކުރު ދުވަހު ބާއްވާ 'ބޮޑު މަހާސިންތާ"ގެ ބޭނުން ކުރުމަށް ކުރިން ނިންމި ޝިޔާރު ބަދަލުކޮށް އެ މަހާސިންތާގައި ބޭނުން ކުރާނެ ޝިޔާރަކީ "ގާނޫނު އަސާސީ ނެގެހެއްޓުމާއި ގާނޫނީ ވެރިކަން ދެމެހެއްޓުން" ކަމަށް 23 ޑިސެމްބަރު އިއްތިހާދުން ބުނެފި އެވެ.

އަންނަ ހުކުރު ދުވަހު "ތޭވިސް ޑިސެމްބަރު އިއްތިހާދު" އިން ބޮޑު މަހާސިންތާއެއް ބޭއްވުމަށް ފުރަތަމަ ހަމަޖައްސާފައި ވަނީ އެމްޑީޕީގެ މުޒާހަރާ ތަކުގައި ދައުލަތުގެ މުދަލަށާއި ތަންތަނަށް ގެއްލުންދޭ ކަމަށް ބުނެ އެކަމާ ދެކޮޅަށެވެ.

މިއަދު ހަވީރު ނަލަހިޔާ ހޮޓެލްގައި 23 ޑިސެމްބަރު އިއްތިހާދުން ބޭއްވި ނޫސްވެންގެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވީ ކުރިން ބޭނުން ކުރުމަށް ނިންމާފައިވާ ޝިޔާރު ބަދަލު ކުރަން ނިންމީ މިހާރު ހާލަތާ ގުޅުވައިގެން ކަމަށާއި މިހާރު ބޭނުން ކުރުމަށް ނިންމާފައިވާ ޝިޔާރަކީ "ގާނޫނު އަސާސީ ނެގެހެއްޓުމާއި ގާނޫނީ ވެރިކަން ދެމެހެއްޓުން" ކަމަށެވެ. އަދި އެ ޝިޔާރާ އެއްގޮތަށް އަޑު އުފުލުމަށް އަތޮޅުތަކުން ވެސް ވީހާ ގިނަ ބަޔަކު އެ ދުވަހަށް މާލެ އައުމަށް އިމްރާން ގޮވާލެއްވި އެވެ.

"މި ފަހަރު މި ބާއްވާ މަހާސިންތާގައި އަޅުގަނޑުމެން އެންމެ ބޮޑަށް އެދެނި ހުރިހާ ފަރާތްތަކުން ވެސް ކުރީ ފަހަރާ ހިލާފަށް ތިބި ރަށެއްގައި ތިއްބަވައިގެން މުޒާހަރާ ކުރުމުގެ ބަދަލުގައި މާލެ ވަޑައިގެން ހުރިހާ ފަރާތްތަކުން ވެސް އަމަލީ ގޮތުން ބައިވެރިވުން،" އިމްރާން ވިދާޅުވި އެވެ.

އަދި ޕީޕީއެމްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެ ޕާޓީގެ ސްޕޯކްސްޕާސަން އަހްމަދު މަހްލޫފް ވިދާޅުވީ އެ މަހާސިންތާގެ އެންމެ ބޮޑު ބޭނުމަކީ މިހާރުގެ ސަރުކާރާ އެކު ގިނަ ޕާޓީތަކުން އޮތްކަން އަންގައިދިނުން ކަމަށެވެ. އަދި ގާނޫނީ ވެރިކަން ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ދޭނެކަން ޔަގީންކަން ދިނުން ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރައްޔިތުން ތިބީ މި ސަރުކާރާ އެކީގައި ކަން ]ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާ އެކީގައި[ އަންގަދިނުމަށް މިވަނީ މަޖުބޫރުވެފައި. އެކަން ސާބިތު ކޮށްދޭން އެބަ ޖެހޭ. އެހެންވީމާ ދިވެހި ރާއްޖޭގެ ލޮބިވެތި ހުރިހާ ރައްޔިތުން އަޅުގަނޑުމެންނާއި އެކީގައި ބައިވެރިވަޑައިގެންނެވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް." މަހްލޫފް ވިދާޅުވި އެވެ.

ތޭވީސް ޑިސެމްބަރު އިއްތިހާދުން ބުނީ މި މަހާސިންތާ އޮންނީ އެ ދުވަހުގެ ހަވީރު 4:00 ފެށިގެން 18:00 އަށް ލޮނުޒިޔާރަތް ކޮޅުގައި ކަމަށެވެ. އެހެން ނަމަވެސް އެ ސަރަހައްދު ނުލިބިއްޖެ ކަމަށްވާ ނަމަ މާލެގެ ކޮންމެވެސް ސަރަހައްދެއްގައި ބާއްވާނެ ކަމުގެ ޔަގީންކަންދޭ ކަމަށް އެ އިއްތިހާދުން ވަނީ ބުނެފަ އެވެ.

މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން އެމްޑީޕީން ވެސް ގެންދަނީ ލޮނިޒިޔާރަތް ކޮޅުގައި މުޒާހަރާކުރަމުންނެވެ.