ފުލުހުންގެ ހިދުމަތާއި އަލަށް ގުޅުނު ފުލުހުންނާއި އެކިއެކި ސަބަބުތަކާ ހުރެ މިހާތަނަށް ހުވާ ނުކުރެވި ތިބި 21 ފުލުހަކު ފުލުހުންގެ ގާނޫނުގައިވާ ގޮތުގެ މަތިން މިއަދު ހުވާކޮށްފި އެވެ.

ފުލުހުންގެ ތެރެއަށް އަލަށް ގުޅުނު ފުލުހުން ހުވާކުރުން އޮތީ މިކަމަށް ޓަކައި މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އަލަށް ގުޅުނު ފުލުހުންނަށް ހުވާ ލައިދެއްވީ ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޔޫސުފް ހުސައިން އެވެ.

ފުލުހުން ބުނީ އަލަށް މިއަދު ހުވާކޮށްފައި ވަނީ ޖުމްލަ 21 ފުލުހެއް ކަމަށާއި އޭގެތެރޭގައި ހިމެނެނީ ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު 15 ފުލުހަކާއި އެކިއެކި ސަބަބުތަކާ ހުރެ ހުވާ ނުކުރެވި ތިބި ހަ ފުލުހެއް ކަމަށެވެ.

މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާލައިދެއްވުމަށް ފަހު ހައިކޯޓުގެ ފަނޑިޔާރު ޔޫސުފް ހުސައިން ދެއްކެވި ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ ފުލުހުން ކުރި ހުވާ އާއި އިސްލާމް ދީނުގައި ހުވާގެ މުހިއްމު ކަމާއި ބެހޭގޮތުންނެވެ. އަދި މިއަދު ކުރި ހުވާގައި ވާފަދައިން އަމަލުކުރުމަށް ހުރިހާ ފުލުހުންގެ އަޒުމް ކަނޑައެޅުމަށާއި އެގޮތުގައި ދެމިތިބުމަށް އެދިލެއްވި އެވެ.

މި ރަސްމިއްޔާތުގައި ހައިކޯޓުގެ ފަނޑިޔާރު ޔޫސުފް ހުސައިންގެ އިތުރުން ޗީފް ސްރިންޓެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދުއާއި ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އަބްދުލް ރަހުމާންއާއި ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުހައްމަދު ބައިވެރިވެލެއްވި އެވެ.