23 Jul 2021, 20:41
އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިނިސްޓާ އޮފް ފޮރިން އެފެއާޒް އަދި އދ.ގެ އާންމު މަޖލީހުގެ 76 ވަނަ މަޖިލީހުގެ އިންތިހާބީ ރައީސް އަބްދުﷲ ޝާހިދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު އިންޑިއާގެ ވެރިރަށް ދެލީގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝާހިދުވަނީ ރައީސް ސޯލިހާއި، ދިވެހި ރައްޔިތުންގެ އިތުރުން އދ ގެ ނަމުގައި ބޮޑުވަޒީރު މޯދީއަށާއި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ހެޔޮއެދުން ދަންނަވާފައެވެ. އަދި ރާއްޖެއިން ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އިންޑިއާގެ ފަރާތުން ލިބެމުންދާ އެހީ ފާހަގަކޮށް އެކަމަށް ވަނީ ޝުކުރު ދަންނަވާފައެވެ.
މީގެ އިތުރުން އދ. ގެ އާންމު މަޖިލީހަށް މިނިސްޓަރު ޝާހިދު އިންތިހާބުކޮށްދިނުމަށްޓަކައި އިންޑިއާގެ އެހީ އާއި ތާއިދު ފާހަގުރައްވާފައެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުންގެ ދެމެދު ގިނަ ވާހަކަތަކެއް ވަނީ ދެކެވިފައެވެ. އެގޮތުން އދ. ގެ އާންމު މަޖިލީހަށް އިންތިހާބުވުމާއެކު މިނިސްޓަރު ޝާހިދުގެ ތަސައްވަރު ކަމަށްވާ "އުންމީދުގެ ރިޔާސަތު" އާއި ގުޅޭ މައުލޫމާތު ވަނީ ބޮޑުވަޒީރު މޯދީއަށް އަރުވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސެން ނިޔާޒްވަނީ ބައިެރިވަޑައިގެންފައެވެ. ހަމައެއާއެކު އޮފީސް އޮފް ދަ ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީގެ ޗީފް ކެބިނެޓް ޑެޒިގްނޭޓް އެމްބެސެޑަރު ނަގަރާޖް ނައިޑޫވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އިންޑިއާގެ ދައުވަތަކަށް އދ.ގެ 76 ވަނަ އާންމު މަޖލީހުގެ އިންތިހާބީ ރައީސް ގެ ހައިއްސިއްޔަތުން މިނިސްޓަރު ޝާހިދު ކުރައްވާ ދަތުރުފުޅު މާދަމާ ނިންމަވާލައްވާނެއެވެ.