މިޔަންމާގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާއިރު، ސަރުކާރަށް ތާއީދު ނުކުރާ ކަމަށް ބުނެ ޑޮކްޓަރުން ހައްޔަރުކުރަމުންދާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފިއެވެ.

މިޔަންމާގެ މީޑިއާތަކުން ބުނީ ކޮވިޑް ކޭސްތައް އަތްނުފޯރާ ވަރަށް މައްޗަށް ގޮސްފައިވާއިރު ފަރުވާދޭން ތިބި ޑޮކްޓަރުން ހައްޔަރުކުރަމުންދާކަމަށެވެ. ޑޮކްޓަރުން ހައްޔަރުކުރަނީ މިހާރު އެ ގައުމުގައި އޮތް އަސްކަރީ ސަރުކާރާ ދެކޮޅު ހަދަމުންދާތީ ކަމަށް ބުނެއެވެ.

މިޔަންމާގައި އޮތް ވެރިކަން ބަޣާވާތަކުން އަސްކަރީ ވެރިކަމަކަށް ބަދަލުކޮށްފައިވަނީ އަސްކަރިއްޔާގެ އިސް ލީޑަރުންގެ އިސްނެންގެވުމާ އެއްކޮށެވެ.

ނަމަވެސް ވެރިކަން ބަދަލުކުރި ފަހުން ކޮވިޑް-19 އަށް ކުރަމުން ދާ މަސައްކަތުގައި އެއްވެސް ކަހަލަ ރޭވުމެއް ނެތް ކަމަށް މިޔަންމާގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ.

މިކަމާ ގުޅިގެން ކުރެވިފައިވާ ތުހުމަތައް ދޮގުކޮށް ޑޮކްޓަރުން ހައްޔަރުނުކުރާ ކަމަށް އެ ގައުމުގެ ސަރުކާރުން އަންނަނީ ބުނަމުންނެވެ.

މިޔަންމާގެ ޑޮކްޓަރެއް ބުނީ އޭނާއާ އެއްކޮށް މަސައްކަތް ކުރާ ބައެއް ޑޮކްޓަރުން ހައްޔަރުގައި ތިބި ކަމަށާއި އޭގެ ސަބަބުން ކޮވިޑް ބަލި ޖެހިފައިވާމީހުންނަށް ފަރުވާ ދިނުމަށް ދަތިވެފައިވާކަމަށެވެ.

"އަޅުގަނޑާ އެއްކޮށް މެޑިކަލް ފެމިލީ މަލަންޑޭ ގްރޫޕްގައި މަސައްކަތް ކުރާ ހަތަރު ޑޮކްޓަރެއް ވަނީ ހައްޔަރުކޮށްފައި،" ޑޮކްޓަރަކު ބުންޏެވެ.

"އަޅުގަނޑުމެން ކޮންމެ ދުވަހަކު 100 އަށްވުރެ ގިނަ ބަލިމީހުންނަށް މިދަނީ ފަރުވާދެމުން. އަޅުގަނޑުމެންނަށް ފަރުވާ ނުދެވޭނަމަ އެ މީހުންގެ ފުރާނަ ސަލާމަތް ނުކުރެވުނީސް،".

މިހާރު މިޔަންމާގެ ކޮވިޑް ހާލަތު އަންނަނީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 6,000 މީހުން ޕޮޒިޓިވް ވާއިރު އިއްޔެ އެކަނިވެސް އެ ގައުމުން ކޮވިޑް ބަލީގައި 286 މީހުން ވަނީ މަރުވެފައެވެ.