19 Feb 2012, 17:44
ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ]ރެޑްވޭވް ސަލީމް[ގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިން ކަމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވާ އިރު، މިމަހުގެ 28 ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް ކުރައްވާނެ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ވަނީ ވިދާޅުވެފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮތީ ދެ ފަރާތުން ވެސް ޚުލާސާ ބަޔާން ހުށަހެޅުމެވެ.
ޚުލާސާ ބަޔާން ހުށަހަޅަމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލަ އެއްވެސް ޝައްކެތްނެތް މިންވަރަށް ސާބިތުވާނެ ކަމަށް ދައުލަތަށް ގަބޫލުކުރެވޭ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ 2003 ވަނަ އަހަރު އަތޮޅުތަކުގެ މިސްކިތްތަކަށް ސައުންޑް ސިސްޓަމް ގަތުމަށް ނޭޒާ އެންޓަޕްރައިޒަސް އާ ހަވާލުކުރީ އިއުލާން ކުރުމަކާއިނުލައި ނޭޒާ އެންޓަޕްރައިޒަސް އަށް ނާޖާއިޒު ފައިދާ ލިބޭ ފަދަ ގޮތަކަށް ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ގަވާއިދުގައިވާ ގޮތުން ޕްރޮޖެކްޓެއް ބަޔަކާ ހަވާލު ކުރުމުން އެޑްވާންސްގެ ގޮތުގައި ދެވޭނީ ހަމައެކަނި 15 ޕަސެންޓް ކަމަށެވެ. ނަމަވެސް ގަވާއިދާއި ޚިލާފަށް ރެޑްވޭވް ސަލީމް ނޭޒާއެންޓަޕްރައިޒަސް އަށް ކޮމިޝަންގެ ގޮތުގައި 50 ޕަސެންޓް ދީފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ނަމަވެސް ރެޑްވޭވް ސަލީމް ވިދާޅުވީ އެ ގަވާއިދަކީ އޭނާ އެޓޯލްސް މިނިސްޓްރީގައި ވަޒީފާ އަދާކުރެއްވި އިރު އޮންނަ ގަވާއިދެއް ނޫން ކަމަށެވެ.
ރެޑްވޭވް ސަލީމް އެހެން ވިދާޅުވުމުން އެ ގަވާއިދަކީ ކޮން އަހަރެއްގެ ގަވާއިދެއްތޯ ގާޒީ އެއްސެވުމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެ ގަވާއިދަކީ 2002 ވަނަ އަހަރުގެ ގަވާއިދެއް ކަމަށެވެ.
ރެޑްވޭވް ސަލީމްގެ ވަކީލު އިބްރާހިމް ރިޒާ ވިދާޅުވީ ސައުންޑް ސިސްޓަމް ގަތުމުގެ ޕްރޮޖެކްޓް ނޭޒާ އެންޓަޕްރައިޒަސް އާއި ހަވާލުކޮށްފައިވަނީ އިއުލާން ކޮށްގެން ކަމަށް ސަލީމްގެ ފަރާތުން ހުށަހެޅި ހެކިން ޝަރީއަތުގައި ބުނެފައިވާ ކަމަށާއި އެ އިއުލާން މިހާރު ނައްތާލާފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ރިޒާ ވިދާޅުވިއެވެ.