ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް މިއަދު ޒިޔާރަތް ކުރައްވައި ހޮސްޕިޓަލްގެ މަސައްކަތްތައް ހިނގަމުންދާ ގޮތާއި އެ މަސައްކަތްތައް އިތުރަށް ތަރައްގީ ކުރުމަށް ޓަކައި ހޮސްޕިޓަލުން ކަންކަން ރާއްވަވާފައިވާ ގޮތް ބައްލަވާލައްވައިފި އެވެ. މި ޒިޔާރަތުގައި، ހޮސްޕިޓަލުގައި ތިބި ބައެއް ބަލި މީހުންގެ ހާލުވެސް ރައީސް ބައްލަވައިލެއްވި އެވެ.

ރައީސް މިއަދު އައިޖީއެމްއެޗަށް ޒިޔާރަތް ކުރެއްވި ކުރެއްވުމުގައި، ހަބަރުފަތުރާ ބައެއް ވަސީލަތްތަކާ ބައްދަލުކުރައްވައި އައިޖީއެމްއެޗްގެ ހިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ.

މިގޮތުން އެ ހޮސްޕިޓަލުގެ ޖާގަ އިތުރުކުރުމަށާއި، ޒަމާނީ ވަސީލަތްތައް ހޯއްދެވުމަށް ވަރަށް ރަނގަޅު ކަންތައްތަކެއް ފެށިފައި އެބަހުރި ކަމަށާއި، އެކަންކަން ކުރިއަށް ގެންދެވުމަށްޓަކައި ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.