ހުޅުމާލެއިން ރޭ ބާރުގަދަ ގޮވުމެއްގެ އަޑު އިވުނީ ގެއެއްގެ ޓެރެސްމަތީ ވެލްޑިން ކުރުމުގެ ތެރެއިން ދިމާވި އެކްސިޑެންޓަކުން ކަަމަށް ފުލުހުން ބުނެފިއެވެ.

ރޭ ދަންވަރު 00:35 ހާއިރު ހުޅުމާލޭ ބޯގަންވިލާމަގު ސަރަހައްދުން ބާރުގަދަ އަޑެއް ގޮވުމާ ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

ފުލުހުން ބުނީ ސިފައިންނާ ފުލުހުން ގުޅިގެން މަސައްކަތްކޮށް ރޭ އެ ސަރަހައްދުގައި ހަރަކާތްތެރިވެ، އެ ސަރަހައްދުގައި ތިބި މީސްމީހުންނާއި ސުވާލުކޮށް ބަލަންޖެހޭ ކަންކަން ބަލާފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް ބެލި ބެލުމުން، ބާރުގަދަ އަޑެއް ގޮވާފައިވަނީ ހުޅުމާލެ ލޮޓް ނަންބަރު 1138ގެ ޓެރެސް މަތީ ވެލްޑިން ކުރުމުގައި ހަރަކާތްތެރިވުމުގެ ތެރޭގައި އެކްސިޑެންޓަކުންކަން އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.