19 Feb 2012, 17:31
އިންސާފުގެ ދަތުރުގެ ނަމުގައި އެމްޑީޕީން ސުނާމީ ބިނާ ހުންނަ ސަރަހައްދުގައި ކުރިއަށްގެންދާ މުޒާހާރާގައި ބައިވެރިވި ކަމަށް ސިފައިން ބުނާ ސިފައިންގެ ދެ މީހަކާ ބެހޭ މައުލޫމާތު އާއްމުކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ ރޭ އެމްޑީޕީގެ މުޒާހަރާގައި ބައިވެރިވި ސިފައިންގެ ދެ މީހުންނަކީ ކޯސްޓްގާޑްގައި މަސައްކަތްކުރާ ސްޓާފް ސާޖަންޓް މުހައްމަދު ޝަފްރާޒް ނައީމް އާއި ފަޔާ އެންޑް ރެސްކިޔު ސާވިސްގައި މަސައްކަތްކުރާ ލާންސްކޯޕްރަލް މުހައްމަދު އިމްރާން ޝަރީފް ކަމަށެވެ. އަދި އެ ދެ މީހުންނަކީ ވެސް ސަބަބު ބަޔާން ނުކޮށް ސިފައިންގެ ވަޒީފާ އަށް ނުނިކުމެ އުޅޭ ދެ މީހުން ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ދެ މީހުންގެ ތެރެއިން ޝަފްރާޒަކީ 1994 ޖޫން 20 ވަނަ ދުވަހު ސިފައިންގެ ހިދުމަތާ ގުޅުމަށް ފަހު 2003 މޭ 27 ވަނަ ދުވަހު، ލާންސް ކޯޕްރަލްގެ މަގާމުގައި ވަޒީފާ އިން ވަކިވުމަށް ފަހު، ސްޓާފް ސާޖެންޓްގެ ރޭންކްގައި ދެވަނަ ފަހަރަށް ސިފައިންގެ ވަޒީފާއާ 2009 އޯގަސްޓް 27 ވަނަ ދުވަހު ގުޅިފައިވާ މީހެއް ކަމަށާއި ސިފައިންގެ ވަޒީފާއަށް ފަރުވާކުޑަކޮށް، ސަލާމް ހެއްދުން ގިނަވުމުގެ ސަބަބުން 2011 އޮކްޓޯބަރު 12 ވަނަ ދުވަހު ވެސް ކޯސްޓްގާޑް އޮފީހަށް ހާޒިރުކޮށް އޭނާއަށް ނަސޭހަތާއި އިންޒާރުދެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މީގެއިތުރުން އިމްރާން އަކީ 1999 މޭ 9 ވަނަ ދުވަހު ސިފައިންގެ ހިދުމަތާ ގުޅިފައިވާ މީހެއް ކަމާށައި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އޭނާ ހަތަރު މައްސަލައެއްގައި އިދާރީ އަދަބު ދެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އެގޮތުން އޭނާ ސިފައިންގެ އެތެރޭގައި އެއް ފަހަރު ބަންދުކުރުމުގެ އިތުރުން ތިން ފަހަރެއްގެ މަތިން ނަސޭހަތްދެވިފައިވެ އެވެ.
ސިފައިންގެ ގާނޫނުގެ 19 މާއްދާގައި ބުނަނީ “ސިފައިންގެ އެއްވެސް މީހަކު، އެއްވެސް ސިޔާސީ ޕާޓީއެއްގައި ބައިވެރިވެ، ނުވަތަ ހަރަކާތްތެރިވެ، ނުވަތަ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާފަދަ ގޮތަކަށް އަމަލުކޮށްގެން ނުވާނެ” އެވެ. އަދި އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބުނަނީ “ސިފައިންގެ މީހަކު ވަޒީފާ ދޫކޮށް ފިލައިގެން ހިނގައްޖެނަމަ ނުވަތަ ވަޒީފާއިން ފިލައިގެންދާން އުޅެފި ނަމަ، އެމީހަކަށް އެ ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅިފައިވާ އަދަބު ދެވޭނެ” އެވެ.
އެމްއެންޑީއެފުން މިއަދު އާއްމުކޮށްފައިވާ ބަޔާނެއްގައި ވަނީ ސިފައިންގެ ގާނޫނާއި ހިލާފުވާ ފަރާތްތަކާ ކުރިއެކޭ ވެސް އެއްގޮތަށް ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.