19 Feb 2012, 17:24
ޕާޓީގެ ރަށު ގޮފިތައް އުފެއްދުމުގެ ފުރުސަތު ޕީޕީއެމް އިން ހުޅުވާލައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ކައުންސިލް މެންބަރު އިބްރާހިމް ނާޒިމް ވިދާޅުވީ އެ ޕާޓީގެ ރަށު ގޮފިތައް އުފެއްދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި ކޮންމެ ރަށަކުން ވެސް އެ ރަށެއް ނިސްބަތްވާ ގޮތްޕެއް ހަދައި ޕާޓީއަށް ހުށަހެޅުމަކީ އެ ޕާޓީގެ އެދުމެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ ރަށު ގޮފިތައް ރަޖިސްޓްރީ ކުރެވޭނީ 50 މެންބަރުންނަށް ވުރެ އިތުރަށް މެންބަރުން ހަމަކުރުމުން ކަމަށާއި 50 މެންބަރުންނަށް ވުރެ އިތުރަށް މެންބަރުން ހަމަކުރުމަށް ފަހު މާޗް މަހުގެ 15ގެ ކުރިން ޕާޓީގެ އޮފީހަށް ހުށަހެޅުމުން ގޮފިތައް ރަޖިސްޓްރީކޮށް އޭޕްރީލް މަހުގައި ފައިސާ ދޫކުރަން ފަށާނެ ކަމަށެވެ.
"ރަށު ގޮފިތަކުގައި، އެ ރަށެއް ނިސްބަތްވާ ގޮތްޕެއް ހަދައި 50 މެންބަރުންނަށް ވުރެ އިތުރަށް ޕާޓީގެ ރަޖިސްޓްރީގައި މެންބަރުން ހަމަކުރުމަށް ފަހު ޕާޓީގެ އޮފީހަށް ފޮނުވުމުން ގޮފި ރަޖިސްޓްރީކޮށްދޭގޮތަށް ހަމަޖެހިފައި ވަނީ،" ނާޒިމް ވިދާޅުވި އެވެ.
ރަށު ގޮފިތަކަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ދައުލަތުން ޕާޓީ އަށް ލިބޭ ފައިސާގެ 50 ޕަސެންޓް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
މިއަދުގެ ނޫސް ކޮންފަރެންސުގައި ޕީޕީއެމް އިން ވަނީ އެމްޑީޕީގެ ޑިމޮކްރަޓިކް ނިޒާމަށް ވެސް ފާޑުކިޔައިފަ އެވެ.
ނާޒީމު ވިދާޅުވީ އެ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ މީޑިއާ އަށް ދެއްވާ އިންޓަވިއުތަކުން އެ ޕާޓީއަކީ ޑިމޮކްރެޓިކް ޕާޓީއެއް ނޫން ކަމަށް ވަރަށް ސާފުކޮށް އެނގިގެން ހިނގައްޖެ ކަމަށެވެ.
އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއަކަށް ހެދުމަށް ޓަކައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ފަހު ޕާޓީގައި ތިއްބެވި ތައުލީމީ، ގާބިލު، ޒުވާން ބޭފުޅުން އައްޔަންކުރައްވައިގެން ޕާޓީއާއި ގެން ކުރިއަށް ގެންދިޔުމަށް ނާޒިމް ވަނީ އެމްޑީޕީގެ މެންބަރުންނަށް ގޮވައިލައްވާފަ އެވެ.
"ޕާޓީ ވަރު ގަދަ ޕާޓީއަކަށް ހެދުމަށް ޓަކައި ކެނެރީގޭ ނަޝީދު ދޫކޮށްލައްވާފައި ގައުމުގައި އޮތް ރަނަގަޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ތިޔަ ބޭފުޅުންގެ ތެރޭގައި ތިއްބެވި ތައުލީމީ ޒުވާން ގާބިލު، ގައުމަށް ޚިދުމަތް ކުރެވޭނެ ބޭފުޅުން އައްޔަން ކުރައްވައިގެން ޕާޓީ އާއި ގެން ކުރިއަށް ދިޔުމަށް ގޮވައިލަން،" ނާޒިމް ވިދާޅުވި އެވެ.