22 Jul 2021, 12:36
ރާއްޖޭގައި މިނިވަން ޕްރޮސެކިއުޝަނެއް ގާއިމު ކުރެވިފައިނުވާ ކަމަށް ކުރީގެ ނައިބު ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.
ޗެނަލް 13 ގައި ރޭ ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީގެ 223 ވަނަ މާއްދައިގައި ބުނެފައިވާފަދަ މިނިވަން މުސްތަގީލް ޕްރޮސެކިއުޝަނެއް ރާއްޖޭގައި ނެތް ކަމަށާއި އެފަދަ ޕްރޮސެކިއުޝަނެއް އޮތްކަމަށް ގަބޫލުކުރާނެ މަދު ރައްޔިތުންކޮޅެއްވެސް ނުތިބޭނެކަމަށެވެ.
ރާއްޖޭގައި ހަރުދަނާ ޕްރޮސެކިއުޝަނެއް ނެތްކަމުގެ ހެއްކެއްގެ ގޮތުގައި ޑރ. ޖަމީލް ފާހަގަކުރެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ މައްސަލަ ޕީޖީ އޮފީހުގައި ގޮތެއް ނުނިމި ލަސްވާ ލަސްވުމެވެ.
"ވަޒީރުންގެ މައްސަލަ ޕްރޮސެކިއުޝަނާ ހަމައަށް ގެންދަންވީމަ ވިދާޅުވީ އަދިވެސް ދިރާސާއޭ ކުރައްވަނީ. އަޅުގަނޑުމެންނަށް އެނގޭ ހަގީގަތުގައި މިއަދަކު ނެތްކަން މިނިވަން މުސްތަގީލު ޕްރޮސެކިއުޝަނެއް،" ޑރ. ޖަމީލް ދެންނެވިއެވެ.
މިފަދަ ކަންކަމުގެ ސަބަބުން ޕްރޮސެކިއުޝަންތަކުގެ މައްޗަށް އޮތް ނުފޫޒު އެނގިގެންދާކަމަށްވެސް ޑރ. ޖަމީލް ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ދިވެހި ތާރީހުގައިވެސް ރާއްޖޭގެ ޝަރުއީ ނިޒާމުގައި ޖެހުނު އެންމެ ހުތުރު ލައްގަނޑު ޖެހިފައިވަނީ ޝަރުއީ ނިޒާމު ބެލެހެއްޓެވުމާއި ހަވާލުވެފައިވާ ޖޭއެސްސީން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ޝަރީއަތަށް ނުފޫޒު ފޯރުވުމުން ކަމަށެވެ.
ޑރ. ޖަމީލް ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ޔާމީންގެ މައްސަލަ ބައްލަވަމުން ގެންދަވަނިކޮށް ކްރިމިނަލް ކޯޓުގެ އޭރުގެ އިސްގާޒީ އަހްމަދު ހައިލަމް ގާޒީކަމުން ވަކިކުރި ކުރުމަކީ އެ ޝަރީއަތަށް ޖޭއެސްސީން ފޯރުވި ނުފޫޒެކެވެ.
އެމަނިކުފާނު ވިދާޅުވީ ހައިލަމް ގާޒީކަމުން ވަކިކުރުމަށްފަހު ވެސް ރައީސް ޔާމީންގެ ޝަރީއަތުގައި "ޖަރީމާތައް" ހިންގާފައިވާ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު އެދެނީ ދިވެހި ރައްޔިތުން އަދި މިއަދު މި ޕްރޮގަރާމް ބައްލަވަމުން ގެންދަވާ ހުރިހާ ފަރާތްތަކުންވެސް ހިމޭނުން ނުތިއްބެވުމަށްޓަކައި. އެބަޔަކަށް ކުރެވުނު މަސައްކަތް ކުރަން އެބަޖެހޭ. އަޅުގަނޑު ގަބޫލް ކުރާ ގޮތުގައި މި މަސައްކަތް ކުރެވިއްޖެނަމަ ޝައްކެތްވެސް ނެތް ހަގީގަތުގައި ރައީސް ޔާމީނަށްވެސް އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އިންސާފު ލިބިގެންދާނެ،" ޑރ. ޖަމީލް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް މަނީލޯންޑަރިންގެ ދައުވާ އުފުލުމުން އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް، ޕީއެންސީން ވަނީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެ ދެ ޕާޓީން ތުހުމަތު ކުރަނީ އެ ދައުވާއަކީ ސަރުކާރުން ނުފޫޒު ފޯރުވައިގެން އުފުލާފައިވާ "ސިޔާސީ ދައުވާއެއް" ކަމުގައެވެ.