އެމްޑީޕީ އިން ބޭނުންވާ ފަދަ އިންތިހާބަކަށް ދިއުމަކީ ރަނގަޅު ކަމެއް ކަމަށާއި ނަމަވެސް ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާ އިރު މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށް މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ސަފީރު ދާތޯ މުހައްމަދު ޒަކީ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ނަޝީދުގެ ޝަރުކާރުން މެލޭޝިޔާ އަށް ކަނޑައަޅުއްވި ސަފީރު ޒަކީ މިއަދު ސަން އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އިންތިހާބެއް ބޭއްވުމާ ބެހޭ ވާހަކަ ދައްކާ އިރު ގައުމުގެ ހާލަތު އޮތް ގޮތް ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށާއި ތަންތަން އަންދައި މީސްމީހުންގެ ގަޔަށް އަތްލައި މާރީމާރީތައް ހިންގަމުންދާ މިފަދަ ދަނޑިވަޅެއްގައި ފްރީ އެންޑް ފެއާ އިންތިހާބެއް ބޭއްވޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. ނަމަވެސް ވަގުތު ދިނުމަށް ފަހު އެ ނޫން މާހައުލެއް ގާއިމް ކުރެއްވިއްޖެ ނަމަ އިންތިހާބަކަށް ދެވިދާނެ އެވެ.

"އިންތިހާބެއް ބޭއްވުމަށް މާދުރެއް ނޫން 2013 ގެ ރިޔާސީ އިންތިހާބު. އަޅުގަނޑުމެންގެ ޕާޓީ [އެމްޑީޕީ[ އިން ވެސް އެކަންތައްތައް ގިޔަރަށް ލައިގެން ކުރުމަށް އެއް އަހަރު ދުވަހަކީ މާދިގު މުއްދަތެއް ނޫން. މަސްލަހަތު ހުރި ގޮތުން އޭގެ ކުރިން އިންތިހާބެއް ބޭއްވުމަކީ ވާނެ ކަމެއް ކަމަށް ނުބެލެވޭ،" ޒަކީ ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މިހާރު ވެސް ހުންނެވި ސަފީރު ވިދާޅުވީ ރާއްޖޭގައި މިހާރު އުފެދިފައިވާ ސަރުކާރަކީ ބަޣާވާތަކުން އުފެދިފައިވާ ސަރުކާރެއް ކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ވިދާޅުވި ނަމަވެސް އޭނާ އެގޮތަށް ދެކިވަޑައިނުގަންނަވާ ކަމަށާއި އެކަންތައްތައް އެގޮތަށް ދިމާވީ ރައީސް ނަޝީދަށް ސަރުކާރު ހިންގަން ނޭނގިގެން ކަމަށެވެ. އަދި ވިދާޅުވީ ވެރިކަމެއް ވެއްޓޭ އިރަށް އެއްބަޔަކު މަގުމައްޗަށް ނުކުމެ އަޑުގަދަ ކުރުމަކީ ގައުމަށް އެކަމުން އެއްވެސް ލާބައެއް ލިބޭނެ ކަމެއް ނޫން ކަމަށާއި މިހާރު ކަންތައްތައް ވެފައިވާ ގޮތުން މަގުމަތިން އެކަންތައްތައް ކުރަން ނޫޅެ އެނޫން ގޮތަކަށް އެކަންތައް ކުރުމަކީ ބުއްދިވެރި ގޮތެއް ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވެސް ޒަކީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެރިކަން ކުރަންޏާ، ދެން ވެރިކަން ނުކުރެވޭ މީހުން މަގުމަތީގައި. އެހެން ބަޔަކު ވެރިކަން ކުރަންޏާ އެމްޑީޕީ މަގުމަތީގައި. މިގޮތަކަށް ގައުމަށް ދުވަހަކު ވެސް ހަމަޖެހުމެއް ނުލިބޭނެ. މިހުރިހާ ދުވަހު ކަންތައްތައް ވެގެން ދިޔަ ގޮތާއި ގިނަ މައްސަލަތަކެއް ގައުމުގައި އޭރު ހުރިކަން އެނގި ހުރެ އެކަންތައްތައް ގަވާންކުރަން ނޭނގި ގެން މިފަދަ ހާލަތަކަށް ގައުމުގެ ކަންތައްތައް ދިޔައީ،" ޒަކީ ވިދާޅުވި އެވެ.

ޒަކީ ވިދާޅުވީ މިދަނޑިވަޅުގައި ގައުމަށް ވެސް އަދި ރައްޔިތުންނަށް ވެސް އެންމެ މަންފާ ހުރި ގޮތަކީ އެމްޑީޕީގެ އިސްވެރިން ވެސް ގައުމުގެ ހާލަތު ރަނގަޅު ކުރުމާ ބެހޭ ގޮތުން މިހާރު އޮތް ސަރުކާރާ އެކު މަޝްވަރާކޮށް ކަންތައްތައް ހައްލުކުރުން ކަމަށެވެ. އަދި މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރިޔަސް ބަޔަކު މަޝްވަރާކުރަން ބޭނުންވާ ނަމަ މަޝްވަރާގެ ދޮރުތައް އެމްޑީޕީން ބަންދުކޮށްގެން ނުވާނެ ކަމަށާއި އެ ޕާޓީއަކީ އެގޮތް ގަބޫލް ކުރާ ޕާޓީއެއް ކަމަށް ވެސް ޒަކީ ވިދާޅުވި އެވެ.

އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްޓަކައި 2013 ގެ ރިޔާސީ އިންތިހާބަށް ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް މަޝްވަރާކޮށްގެން ތައްޔާރުވުމަކީ މުހިންމު ކަމެއް ކަމަށް ވެސް މެލޭސިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު ވިދާޅުވި އެވެ.
ޒަކީ ވަނީ އެ މޭރުމުން މެލޭޝިޔާގެ ބައެއް ނޫސްތަކަށް ވެސް އިންޓަވިއުދެއްވައިފަ އެވެ.